ރޮނާލްޑޯ ބޭނުން ކުރުމުގައި ސަމާލުވާންޖެހޭ: ޒިދާން

މެޑްރިޑް (ޖެނުއަރީ 7) - ސީޒަންގެ ފަހު ހަ މަސް ދުވަހާ ކުރިމަތިލާއިރު ރެއާލް މެޑްރިޑްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.


ރެއާލުން ބަލިނުވެ 38 މެޗު ހަމަކޮށްފައިވާއިރު، އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯ ބޭނުންކޮށްފައިނުވެ އެވެ. ނަމަވެސް ލީގުގައި މިއަދު ގްރަނާޑާއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ކުޅޭނެ ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.

"ސީޒަންގެ މުހިއްމު މެޗުތައް ކުރިއަށް ހުރީ. ރޮނާލްޑޯ އަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ. ގިނަ މެޗުތަކެއް އޭނާ ނުލައި ކުޅެން އަަހަރެމެން ބޭނުމެއް ނޫން،" ޒިދާން ބުންޏެވެ.

"ކުރިޔަށް އޮތް 70 ވަރަކަށް ދުވަހުގެ ތެރޭގައި އެބަޖެހޭ 20 މެޗު ކުޅެން. މީގެ ތެރޭގައި ވަރުގަދަ މެޗުތައް އެބަހުރި. ރޮނާލްޑޯ އަށް މި މެޗުތަކުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭނީ އޭނާ އަށް ބައެއް މެޗުތަކުގައި އަރާމްކުރަން ފުރުސަތު ދީގެން."

ފާއިތުވި އަހަރުތަކަށް ބަލާއިރު ސީޒަންގެ ފަހު ކޮޅު އުމުރުން 31 އަހަރުގެ ރޮނާލްޑޯ އަށް އަނިޔާގެ މައްސަލަތައް ވަނީ ދިމާވެފަ އެވެ. ޒިދާން ބުނީ އެއީ މި ފަހަރު ރެއާލުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމެއް ކަމަށެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި މި ވަގުތު ރެއާލް އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރެއާލަށް 15 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ ވަނީ 16 މެޗުން 34 ޕޮއިންޓް ހަމަކޮށްފަ އެވެ. މިއަދު ގްރަނާޑާ އަތުން މޮޅުވެގެން އަނެއްކާ ލީޑު ފުޅާކުރުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.

ރެއާލާއި ގްރަނާޑާ ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5 ޖަހާއިރު އެވެ.