ކުޅިވަރު / ކްރިސްޓިއާނޯ ރޮނާލްޑޯ

ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި މައްސަލައިގައި ރޮނާލްޑޯ އަށް އަދަބު ދީފި

މިދިޔަ ސީޒަންގައި ރޮނާލްޑޯ. މިހާރު ޔުނައިޓެޑް ދޫކޮށްލާފައި ވީ ނަމަވެސް، ކޮންމެ ގައުމެއްގެ ޓީމަކަށް އޭނާ ބަދަލުވިކަމުގައި ވިއަސް ސަސްޕެންޝަން ފުރިހަމަ ކުރަން ޖެހޭނެ.-- ފޮޓޯ: ގެޓީ އިމޭޖަސް

ލަންޑަން (ނޮވެމްބަރު 24) - މިދިޔަ ސީޒަނުގައި އެވަޓަންގެ ދަނޑުގައި އެ ޓީމު އަތުން މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިވި މެޗަށް ފަހު މާޔޫސް ވެފައި ހުރި ރޮނާލްޑޯ، ސަޕޯޓަރެއްގެ ފޯނު ބިމަށް ޖެހި މައްސަލައިގައި އިނގިރޭސި އެފްއޭ އިން އޭނާ އަށް އަދަބު ދީފި އެވެ.

އަދަބެއްގެ ގޮތުން އިނގިރޭސި އެފްއޭ އިން ވަނީ ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑް ކޮށް، 50،000 ޕައުންޑް (60،000 ޑޮލަރު) އިން ޖޫރިމަނާ ކޮށްފަ އެވެ.

މި އަހަރުގެ އޭޕްރީލް މަހު އެވަޓަންގެ ދަނޑުގައި، ބަލިވި މެޗަށް ފަހު ޓަނެލް ތެރެއަށް ވަންނަން ދަނިކޮށް 14 އަހަރުގެ އެވަޓަން ސަޕޯޓަރެއްގެ ފޯނަށް ގެއްލުން ދިން މައްސަލައިގައި މީގެ ކުރިން ރޮނާލްޑޯ ވަނީ އަމިއްލައަށް ފުލުހަށް ހާޒިރުވެ، އެކަމާ މާފަށް ވެސް އެދިފަ އެވެ.

ޝަރުތުތަކަކާ އެކު މާސީ ސައިޑުގެ ފުލުހުން އެ މައްސަލަ ނިންމާލި އިރު، އެފްއޭ އިން ވެސް އެ ފަހަރު އަދަބެއް ދިނެވެ. ނަމަވެސް ސަސްޕެންޝަނަކާ އެކު ޖޫރިމަނާ އެއް ކުރީ އެފްއޭގެ އިންޑިޕެންޑެންޓް ޕެނަލަކުންނެވެ.

"މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން 9 އޭޕްރީލް 2022 ވީ ބުދަ ދުވަހު ކުޅުނު ޕްރިމިއާ ލީގު މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް ފަހު އޭނާގެ އަމަލުތައް ހުރީ ބަލައިގަނެވޭނެ ގޮތަކަށް ނޫން ކަމަށް ފޯވާޑް ވަނީ އެއްބަސް ވެފައި. ފިޔަވަޅު އަޅަން ނިންމީ މިނިވަން ރެގިއުލޭޓަރީ ކޮމިޝަނުން ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި އޭނާ (ރޮނާލްޑޯ) ގެ އަމަލުތަކަކީ ނުރަނގަޅު އަދި އަނިޔާވެރި އަމަލުތަކެއް ކަމަށް ނިންމާފައި،" އިނގިރޭސި އެފްއޭގެ ބަޔާނުގައި ވެ އެވެ.

މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް މި މަހުގެ އަށް ވަނަ ދުވަހު ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި ރޮނާލްޑޯ ބުނެފައި ވަނީ އޭނާ އެފަދައިން ކަން ކުރެވުނީ އެވަޓަންގެ ސަޕޯޓަރުން އެއްވެފައި އޮތުމާ އެކު، ދަނޑުން ފައިބަން ދިޔަ ވަގުތު އޭނާގެ ރައްކާތެރިކަމާ ސަލާމަތަށް ކަމަށެވެ. ނަމަވެސް ޕެނަލް އިން ވަނީ އޭނާގެ އެ އަމަލުތަކަކީ ސަލާމަތަށް ވުރެ ބޮޑަށް މާޔޫސްކަމާއި ރުޅިވެރިކަމުގެ އަމަލެއް ކަމަށް ނިންމައިފަ އެވެ.

އެފްއޭ އިން ރޮނާލްޑޯ ތިން މެޗަށް ސަސްޕެންޑް ކުރަން ހުށަހެޅި ނަމަވެސް ޕެނަލް އިން ވަނީ އޭނާގެ ސަސްޕެންޝަން ދެ މެޗަށް ވުރެ އިތުރު ނުކުރާން ނިންމައިފަ އެވެ.

މި ހަފްތާ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާފައިވާ ޕޯޗުގަލްގެ ފޯވާޑް މިހާރު ފްރީ އޭޖެންޓެކެވެ. އޭނާ ކޮންމެ ގައުމެއްގެ ކުލަބަކަށް ބަދަލުވި ނަމަވެސް ސަސްޕެންޝަން ފުރިހަމަ ކުރަން ޖެހޭނެ އެވެ. ނަމަވެސް މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ގައި މި ސަސްޕެންޝަނުގެ އަސަރެއް ނުކުރާނެ އެވެ.

ވޯލްޑް ކަޕް ގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މިރޭ 9 ޖަހާއިރު އެޓީމު ނުކުންނާނީ ގާނާއާ ދެކޮޅަށެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 60%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454