ސުއަރޭޒްގެ 100 ވަނަ ގޯލާ އެކު ބާސާ ކުއާޓާ އަށް

ބާސެލޯނާ (ޖެނުއަރީ 12) – ލުއިސް ސުއަރޭޒް ޖަހައިދިން 100 ވަނަ ގޯލާ އެކު އެތުލެޓިކް ބިލްބާއޯގެ މައްޗަށް 3-1 އިން ކުރި ހޯދައި ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުން ޗެމްޕިއަން ބާސެލޯނާ ރޭ ޖާގަ ހޯދައިފި އެވެ.


ރަށުން ބޭރުގައި ކުޅެ ފުރަތަމަ ލެގުން 2-1 އިން ބާސެލޯނާ ބަލިވެފައިވާތީ، ރޭގެ މޮޅާ އެކު އެ ޓީމަށް ދެ ލެގުގެ އެގްރިގޭޓުން ކުރި ލިބުނީ 4-3 އިންނެވެ. ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ބާސެލޯނާ އަށް ހަމަޖެހުމެއް ލިބުނީ ނޭމާ ތަނަވަސްކުރި ފުރުސަތެއްގައި 35 ވަނަ މިނެޓުގައި ސުއަރޭޒް ޖަހައިދިން ގޯލާ އެކު އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޕެނަލްޓީއަކުން ނޭމާ ޖެހި ގޯލާ އެކު އެގްރިގޭޓުން ބާސެލޯނާ އަށް ކުރި ލިބުނެވެ.

ބާސެލޯނާ އަށް އިތުރު މައްސަލައެއް ދިމާވީ 51 ވަނަ މިނެޓުގައި ބިލްބާއޯގެ ސަބޮރިޓް ޖެހި ގޯލާ އެކު އަނެއްކާ ވެސް އެގްރިގޭޓުން ހަމަހަމަވުމުންނެވެ. އެ ނަތީޖާގައި އޮވެ މެޗު ނިމުނު ނަމަ ޖެހޭނީ އިތުރު ވަގުތު ކުޅޭށެވެ. ބާސެލޯނާ ސަލާމަތްކޮށްދިނީ 78 ވަނަ މިނެޓުގައި ލިއޮނަލް މެސީ އެވެ. އޭނާ މި ގޯލް ޖެހީ ހިލޭ ޖެހުމަކުންނެވެ. މެސީ ވަނީ ބާސެލޯނާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ހިލޭ ޖެހުމުން ގޯލް ޖަހައިފަ އެވެ.

އޮކްޓޯބަރު މަހުގެ ފަހުން ސްޕެނިޝް ލީގުގައި ބަލިވެފައިނުވީ ނަމަވެސް ގިނަ މެޗުތަކެއް އެއްވަރުވެ ބާސެލޯނާ އޮތީ ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ. އެހެންވެ ޑޮމެސްޓިކް މުބާރާތަކަށް ބާސެލޯނާ އަށް އެންމެ ރަނގަޅު ފުރުސަތެއް މިވަގުތަށް އޮތީ ސްޕެނިޝް ކަޕުންނެވެ.

ލުއިސް އެންރިކޭގެ ކޯޗުކަމުގެ ދަށުން މިދިޔަ ދެ ސީޒަނުގައި ވެސް ބާސެލޯނާ މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު ޖެހިޖެހިގެން ތިން އަހަރު ކާމިޔާބުކޮށްފި ނަމަ އެ ޓީމު ވެގެންދާނީ 1953 ވަނަ އަހަރުގެ ފަހުން ސްޕެނިޝް ކަޕް މިލްކުކުރާ ފުރަތަމަ ޓީމަށެވެ.

ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު ސުއަރޭޒް 120 މެޗުން ބާސެލޯނާ އަށް 100 ގޯލް ޖަހައިދިންއިރު އޭނާ އަކީ ތިން ވަނަ އަށް އެންމެ އަވަހަށް ސެންޗަރީއެއް ހަމަކުރި ބާސެލޯނާ ކުޅުންތެރިޔާ އެވެ. އޭނާ އަށް ވުރެ ކުރީގައި އޮތީ 99 މެޗުން 100 ގޯލް ޖެހި މާރިއާނޯ މާޓިން އާއި 103 މެޗުން 100 ގޯލް ޖެހި ލާސްލޯ ކުބަލާ އެވެ. ބާސެލޯނާގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ ސެންޗަރީއެއް ހަމަކޮށްފައިވަނީ 188 މެޗުންނެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ރެއާލް މެޑްރިޑް ނުކުންނާނީ ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށެވެ. މެޑްރިޑުގެ ސްޓޭޑިއަމުގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމު 3-0 އިން ކާމިޔާބުކޮށްފައިވާތީ މިރޭ އެޑްވާންޓޭޖް ބޮޑެވެ.