ހުރިހާ ޓީމެއް ބޭނުންވާނީ ރެއާލް ބަލިވާން: ޒިދާން

މެޑްރިޑް (ޖެނުއަރީ 15) - ސްޕެނިޝް ލީގުގައި މިރޭ ސެވިއްޔާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ރެއާލް މެޑްރިޑް ނުކުންނައިރު ލަލީގާގައި އޮތް ހުރިހާ ޓީމެއް ބޭނުންވާނީ ރެއާލް މެޑްރިޑް ބަލިވާން ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.


ސްޕެނިޝް ކަޕްގައި ބުރާސްފަތި ދުވަހުގެރޭ ސެވިއްޔާ ދަނޑުގައި ރެއާލް ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ. އެ މެޗު 3-3 އިން އެއްވަރުވިއިރު، ރެއާލުން ވަނީ ބަލިނުވެ 40 މެޗު ހަމަކޮށް ސްޕެއިނުގެ އާ ރެކޯޑެއް ގާއިމްކޮށްފަ އެވެ.

ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން އެ ޓީމު މޮޅުވުމުން ރެއާލަށް އެއް ވަނައިގައި ލިބިފައި އޮތް ލީޑު ވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. އަދި ބާސެލޯނާގެ މި ނަތީޖާއާ އެކު ސެވިއްޔާ ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެހެންކަމުން މިރޭގެ މެޗުގެ ނަތީޖާ މި ދެ ޓީމަށް ވެސް ވަރަށް މުހިއްމެވެ.

"ބުރާސްފަތި ދުވަހުގެ މެޗަށް ވުރެ މި މެޗު ދެގުނަ އުނދަގޫވާނެ. ސެވިއްޔާ އިން ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ރެއާލް އަތުން ދެ މެޗުން ބަލިވާން ބޭނުމެއް ނުވާނެ. އަނެއްކާ އެ ޓީމު ކުރިން އޮތް މަގާމަށް އަލުން ދިޔުމަށް ވެސް މޮޅެއް ހޯދުން މުހިއްމު ވެފައި އޮތީ،" ޒިދާން ބުންޏެވެ.

މިރޭގެ މެޗަށް ރެއާލް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދާދި ފަހުން ފީފާއިން ހޮވި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ކުޅުމެވެ.

"ރޮނާލްޑޯ ޓީމާ އެކު ހުރުން ވެސް އަހަރެމެންނަށް މުހިއްމު. ކެރިއަރުގެ އެންމެ ކާމިޔާބު އަހަރަށް ފަހު ރޮނާލްޑޯ ހުރީ އެ ފޯމުގައި ކުރިއަށްދާން ކެތްމަދުވެފައި،" ޒިދާން ބުންޏެވެ.

ސެވިއްޔާގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނީ ކުރީ މެޗުގެ ނަތީޖާ އަކީ އެ ޓީމަށް ފިލާވަޅެއް ކަމަށެވެ.

"އަހަރެމެން އެންމެ ފަހުން ކުޅުނު މެޗުގައި ފަހު ވަގުތު ފަސޭހަކޮށްލެވުނީ. އެއީ އެއްވެސް މެޗެއްގައި ކުރެވިގެން ވާނެ ކަމެއް ނޫން. ހާއްސަކޮށް އިދިކޮޅަށް ކުޅޭ ޓީމަކީ ރެއާލަށް ވާއިރު އިތުރަށް ސަމާލުވާންޖެހޭ،" ސަމްޕައޮލީ ބުންޏެވެ.

ރެއާލާއި ސެވިއްޔާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:45 ގަ އެވެ.