ފުރަތަމަ ލެގުން ބާސާ އާއި އެތުލެޓިކޯ އަށް ހިތްހަމަޖެހުން

ސެން ސެބަސްޓިއަން، ސްޕެއިން (ޖެނުއަރީ 20) – ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ރޭ ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން މޮޅުވެ އެ ޓީމުގެ ދަނޑުގައި 10 އަހަރަށް ފަހު ބާސެލޯނާ ފުރަތަމަ ފަހަރަށް މޮޅެއް ހޯދިއިރު، އެއިބާ އަތުން 3-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެ އެވެ.


ސޮސިއެޑާޑްގެ އަނޮއެޓާ ސްޓޭޑިއަމުގައި އެ ޓީމާ ދެކޮޅަށް ބާސެލޯނާ އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. ރޭ ހޯދި މޮޅާ އެކު، އަމިއްލަ ދަނޑުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނައިރު ބާސެލޯނާ އަށް އެޑްވާންޓޭޖް އެބައޮތެވެ.

ލުއިސް ސުއަރޭޒާއި ލިއޮނަލް މެސީ އާއި ޖެރާޑް ޕީކޭ އާއި އަންދްރެސް އިނިއެސްޓާ އަދި ސާޖިއޯ ބުސްކެޓްސް ފަދަ މުހިއްމު ކުޅުންތެރިން އަރުވައިގެން ބާސެލޯނާ ކުޅުނު މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު 21 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުން ނޭމާ އެވެ. ދެ ވަނަ ހާފުގައި ނޭމާ އަށް އިތުރު ދެ ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ.

"އަނޮއެޓާގައި އަދި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް އުނދަގޫކަމެއް. އެކަމަކު މިރޭ ފެނިގެން ދިޔައީ ވަރަށް ފުރިހަމަ ކުޅުމެއް. ޑިފެންސް ލައިނުން ރަނގަޅު ކުޅުމެއް ދެއްކިއިރު ފޯވާޑުންނާ މެދު ވެސް ހިތްހަމަޖެހޭ،" ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުންޏެވެ.

އެއިބާ އަތުން އަމިއްލަ ދަނޑުގައި ހޯދި 3-0 ގެ މޮޅާ އެކު އެތުލެޓިކޯ މެޑްރިޑް މިވަނީ ސެމީ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ. ގަދަފިނީގެ ތެރޭގައި ކުޅުނު މި މެޗުގައި އެތުލެޓިކޯ އަށް ލަނޑު ޖަހައިދިނީ އެންޓޮއިން ގްރިޒްމަން އާއި އެންހެލް ކޮރެއާ އަދި ކެވިން ގަމެއިރޯ އެވެ. ދެ ވަނަ ލެގު އޮންނާނީ އެއިބާގެ ދަނޑުގައި އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރެ އެވެ.

"ފުރަތަމަ ހާފު ވަރަށް އުނދަގޫ. އެކަމަކު އަހަރެމެން ތަންކޮޅެއް ފަރުވާތެރިވި ނަމަ ފުރަތަމަ ހާފުގައި ވެސް ފުުރުސަތުތަކެއް ލިިބުނީސް. ދެ ވަނަ ހާފުގައި ސާބިތުވީ އެކަން،" އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުންޏެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ރެއާލް މެޑްރިޑް ވަނީ ބުދަ ދުވަހުގެރޭ ސެލްޓާ ވީގޯ އަތުން 2-1 އިން ބަލިިވެފަ އެވެ. އަދި އަލްކޯކޮން އަތުން އަލަވެސް ވަނީ 2-0 އިން މޮޅުވެފަ އެވެ.