ރާމޯސްގެ ދެ ލަނޑުން މެޑްރިޑަށް މޮޅެއް

މެޑްރިޑް (ޖެނުއަރީ 22) – ސްޕެނިޝް ލީގުގައި ރޭ މަލާގާ އަތުން 2-1 އިން މޮޅުވެ، ޖެހިޖެހިގެން ދެ މެޗުން ބަލިވެ ވެއްޓުނު އަޑިގަނޑުން ރެއާލް މެޑްރިޑް ރޭ އަރައިފި އެވެ.


ކެޕްޓަން ސާޖިއޯ ރާމޯސް ޖެހި ދެ ލަނޑާ އެކު މެޑްރިޑް މޮޅުވިއިރު އެ ޓީމު ވަނީ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނައިގައި 39 ޕޮއިންޓާ އެކު ސެވިއްޔާ އޮތްއިރު ތިން ވަނައިގައި 38 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. އެ ދެ ޓީމު ވެސް މިއަދު ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ މެޑްރިޑުގެ ފަރަގު ކުޑަވާނެ އެވެ. އެކަމަކު އޭރު ވެސް މެޑްރިޑަށް އިތުރު މެޗެއް އޮންނާނެތީ އެހާ ބޮޑު ހާސްކަމެއް ނެތެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި އެ ޓީމަށް ރާމޯސް ލީޑު ނަގައިދިނީ 35 ވަނަ މިނެޓުގަ އެވެ. ލޫކާ މޮޑްރިޗް ކޯނަރަކުން ހުރަސްކުރި ބޯޅަ ރާމޯސް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. އޭނާ ދެ ވަނަ ލަނޑު ޖެހީ އޭގެ އަށް މިނެޓު ފަހުންނެވެ. ޓޯނީ ކްރޫސް ހިލޭ ޖެހުމަކުން ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ ރާމޯސް މި ފަހަރު ގޯލް ތެރެއަށް ވައްދާލީ ވެއްޓިގެން ކަހަލަ ގޮތަކަށް، މަޑުމަޑުން ބޯޅައިގައި ފައި ޖައްސާލައިގެންނެވެ.

ދެ ވަނަ ހާފުގައި، 63 ވަނަ މިނެޓުގައި ހުއާން ޕަބްލޯ އަނޯރްގެ ގޯލުން މަލާގާ އިން ތަފާތު ކުޑަކުރި ނަމަވެސް، އިތުރު ގޯލެއް ނުޖެހި އެ ޓީމު މެޗު ނިންމާލަން ޖެހުނީ ޖެހިޖެހިގެން ފަސް ވަނަ މެޗުން ބަލިވެގެންނެވެ.

ރޭގެ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރިމް ބެންޒެމާ ހުސް ފުރުސަތުތަކެއް ބޭކާރުކޮށްލިއިރު، މެޑްރިޑުގެ ބައެއް ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޑްރިޑުގެ ކޯޗު ޒައިނުއްޒީދާން ޒިދާން ބުނީ އުނދަގޫ ވަގުތުތަކުގައި ސަޕޯޓަރުންގެ ފަރާތުން ލޯތްބާއި އިހުތިރާމް ބޭނުންވާ ކަމަށެވެ.

"ބެންޒެމާ އާއި ރޮނާލްޑޯ މިދިޔަ މެޗުތަކުގައި ލަނޑު ނުޖަހާ. އެކަމަކު އަހަރެން ހާހެއް ނުވޭ. އަހަރެން ކަންބޮޑުވަނީ އަނިޔާގެ ލިސްޓް ބޮޑުވާތީ،" ޒިދާން ބުންޏެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާސެލޯ އަށް އަނިޔާވެގެން ބޭލިއިރު އޭނާއާ އެކު އެ ޓީމުގެ އަނިޔާގެ ލިސްޓުގައި ތިބީ ގަރެތު ބޭލް އާއި ޕެޕޭ އަދި ޑެނީ ކަރްވަހާލް އެވެ.