ބާސެލޯނާ ފައިނަލާ ގާތަށް

މެޑްރިޑް (ފެބްރުއަރީ 2) – ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން މޮޅުވެ ފައިނަލުގެ ފުރުސަތު ބާސެލޯނާ ބޮޑުކޮށްފި އެވެ.


އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް އަންނަ ހަފުތާގައި ނުކުންނައިރު ބާސެލޯނާ އަށް މިވަނީ ހިތްހަމެޖެހޭ ފަދަ އެޑްވާންޓޭޖެއް ލިބިފަ އެވެ. އެ މެޗު ކޮންމެ ނަތީޖާއަކުން އެއްވަރުވިޔަސް އަދި 1-0 އިން ބާސެލޯނާ ބަލިވިޔަސް ފައިނަލަށް ދާނީ ބާސެލޯނާ އެވެ. އެ މެޗުން 2-1 އިން އެތުލެޓިކޯ މޮޅުވެއްޖެ ނަމަ ނަތީޖާ ނެރެން ޖެހޭނީ އިތުރު ވަގުތު ކުޅޭށެވެ.

އެތުލެޓިކޯގެ ވިސެންޓެ ކެލްޑްރޯން ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ހަތް ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒެވެ. މެދު ރޮނގު ކައިރިން ލިބުނު ބޯޅަ، އެތުލެޓިކޯގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަތުމަށް ފަހު ކުރިއަށް އަރައި ގޯލަށް ވައްދާލީ ގޯލްކީޕަރު އަތްދަށުންނެވެ.

ބާސެލޯނާގެ ދެ ވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. އޭރިއާ ބޭރުން އޭނާ އުންޑައެއްގެ ބާރު މިނުގައި ފޮނުވާލި ބޯޅަ ވައްދާލީ ކަނަށެވެ. ބާސެލޯނާގެ އެޑްވާންޓޭޖް ކުޑަވެގެން ދިޔައީ 59 ވަނަ މިނެޓުގައި އެތުލެޓިކޯގެ އެންޓޮއިން ގްރިޒްމަން ޖެހި ގޯލުންނެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނީ މި މި މެޗުގައި ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފުމާ އެކު ދެ ވަނަ ލެގަށް ނުކުންނައިރު އަދިވެސް ކުރަން ޖެހޭ މަސައްކަތް އެބަހުރި ކަމަށެވެ. އެންރިކޭ ބުނީ ފުރަތަމަ ހާފުގައި ކޮންޓްރޯލް އޮތީ ބާސެލޯނާގެ އަތުގައި ކަމަށާއި ދެ ވަނަ ހާފުގައި އެތުލެޓިކޯ އިން ޕްރެޝަރު ބޮޑުކުރި ކަމަށެވެ. އެކަމަކު އެއީ ނަތީޖާ އޮތްގޮތުން އާއްމުކަމެއް ކަމަށާއި މި ދަނޑުގައި ކުޅެ އެތުލެޓިކޯގެ ފަރާތުން އުނދަގޫ ނުވާނެ ކަމަށް ވިސްނުމަކީ ގޯހެއް ކަމަށް އޭނާ ބުންޏެވެ.

މި ފަހަރު ބާސެލޯނާ ފައިނަލަށް ގޮސްފި ނަމަ މިއީ އެ ޓީމު އަށް އަހަރުގެ ތެރޭ ފައިނަލުގައި ވާދަކުރާ ހަތް ވަނަ ފަހަރަށް ވެގެންދާނެ އެވެ. އަދި ޖެހިޖެހިގެން ފައިނަލުގައި ވާދަކުރާ ހަތަރު ވަނަ ފަހަރަށް ވާނެ އެވެ. މިދިޔަ ފަހަރު ސެވިއްޔާ އަތުން މޮޅުވެ ތަށި ހޯދިއިރު އޭގެ ކުރީ އަހަރު ޗެމްޕިއަންކަން ހޯދީ އެތުލެޓިކް ކްލަބް އަތުން މޮޅުވެގެންނެވެ. އެކަމަކު އޭގެ ކުރީ ފަހަރު ރެއާލް މެޑްރިޑް އަތުން ބަލިވެ ތަށި ގެއްލުނީ އެވެ. ބާސެލޯނާ ވަނީ މި މުބާރާތް ޖުމްލަ 28 ފަހަރު ކާމިޔާބުކޮށްފަ އެވެ.