ސިންގަޕޫރުން މެސީ އާއި އާޖެންޓީނާ އަށް ދައުވަތުދީފި

ލަންޑަން (ފެބްރުއަރީ 3) - ސިންގަޕޫރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމާއި ލިއޮނަލް މެސީ އަށް މެޗެއް ކުޅުމަށް ހާއްސަ ދައުވަތެއް ދީފި އެވެ.


އަންނަ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މެޗެއް ކުޅުމަށް ސިންގަޕޫރުން އާޖެންޓީނާ އަށް ދިން ދައުވަތުގައި އެދިފައިވަނީ މެސީ ޓީމުގައި ހިމަނައިގެން އެ މެޗު ކުޅުމަށެވެ.

"އަހަރެމެން ދެކޭ ގޮތުގައި މި މެޗުގެ ސަބަބުން ސިންގަޕޫރުގެ ފުޓްބޯޅަ އަށް ވަރަށް ފައިދާކުރާނެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ސިންގަޕޫރުގައި ވެސް މެސީގެ ސަޕޯޓަރުން ވަރަށް ގިނަ. މި މެޗުގެ ސަަބަބުން ސިންގަޕޫރު ގައުމީ ޓީމަށް ވެސް ހިތްވަރެއް ލިބިގެންދާނެ،" ސިންގަޕޫރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

ސިންގަޕޫރުން މި މެޗު ކުޅެން ބޭނުންވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގަ އެވެ. އެއީ ޖޫން 13 މަހު ޗައިނީސް ޓައިޕޭއާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗުގެ ކުރިންނެވެ.

ފީފާއިން ވަނީ ރަޝިއާގައި ޖޫން 17 ގައި ފެށުމަށް ނިންމާފައިވާ ފީފާ ކޮންފެޑެރޭޝަން ކަޕުގެ ތައްޔާރީތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޖޫން މަހުގެ ފުރަތަމަ ދެ ހަފްތާ އިންޓަނޭޝަނަލް ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.

އާޖެންޓީނާ އިން ވަނީ ޖޫން މަހުގެ ތެރޭގައި ބްރެޒިލްއާ ދެކޮޅަށް އޮސްޓްރޭލިއާގައި ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ނިންމައިފަ އެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އާޖެންޓީނާގެ ފުޓްބޯޅަ އިދާރާއިން ވަނީ ސިންގަޕޫރުގެ ދައުވަތަށް އަގަބަހުން އެއްބަސްވެފަ އެވެ.

މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އާޖެންޓީނާ ބަލިވުމުން މެސީ ވަނީ ގައުމީ ޓީމުން ރިޓަޔަކޮށްފަ އެވެ. ނަމަވެސް އާޖެންޓީނާ ސަޕޯޓަރުންގެ އެދުމުގެ މަތިންނާއި ފުޓްބޯޅަ ފެޑެރޭޝަނުން ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށް ފަހު މެސީ ވަނީ އަލުން ޓީމާ ގުޅިފަ އެވެ.