ބާސެލޯނާ އަށް މޮޅެއް، ޓޮރޭޒް 100 ލަނޑު ހަމަކޮށްފި

ބާސެލޯނާ (ފެބްރުއަރީ 5) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން ބާސެލޯނާ 3-0 އިން މޮޅުވިއިރު، ލެގަނޭސް ކޮޅަށް ޖެހި ދެ ލަނޑާ އެކު ފެނާންޑޯ ޓޮރޭޒް އެތުލެޓިކޯ މެޑްރިޑަށް 100 ލަނޑު ހަމަކޮށްފި އެވެ. ލެގަނޭސް އަތުން އެތުލެޓިކޯ މޮޅުވީ 2-0 އިންނެވެ.


ރޭގެ މޮޅާ އެކު ބާސެލޯނާ ވަނީ ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއް ޕޮއިންޓަށް ގާތްކޮށްފަ އެވެ. ރެއާލް އެއް ވަނައިގައި އޮތީ 19 މެޗުން 46 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި ބާސެލޯނާ އޮތީ 21 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސެވިއްޔާ އަށް 20 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.

ރޭގެ މެޗަށް ބާސެލޯނާ ނުކުތީ އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒަށް އަރާމްކުރަން ފުރުސަތު ދީގެންނެވެ. ބާސެލޯނާ އަށް މެޗުގެ 18 ވަނަ މިނިޓްގައި ލަނޑު ޖެހީ ސުއަރޭޒްގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ކުޅުނު ޕަކޯ އަލެސެއާ އެވެ.

ދެ ވަނަ ލަނޑު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ލިއޮނަލް މެސީ އެވެ. އަދި ފަހު ލަނޑު މެޗުގެ ދެ ވަނަ ހާފްގައި ޖެހީ އަލެކްސް ވިޑާލް އެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި މޮޅާ އެކު އޭނާ އަށް ދެ ހިތްހަމަ ޖެހުމެއް ލިބިގެންދިޔަ ކަމަށެވެ.

"މި ނަތީޖާއާ އެކު އަހަންނަށް ދެ އުފަލެއް ލިބިއްޖެ. އެއީ މޮޅުވެގެން ތިން ޕޮއިންޓް ލިބުމުގެ އުފަލާއި ޓީމުގައި ތިބި ފުރުސަތު ނުދެވޭ ކުޅުންތެރިން ކުރި ހިތްވަރު ފެނުމުން ލިބުނު ހިތްހަމަ ޖެހުން،" އެންރީކޭ ބުންޏެވެ.

އެތުލެޓިކޯ އިން ލެގަނޭސްއާ ދެކޮޅަށް ރޭ މޮޅު ކުޅުމެއް ދެއްކިއިރު، ޓޮރޭޒް ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅަ ލެގަނޭސް ކީޕަރު އިއާގޯ ހެރޭރިން އަތުގައި ޖެހިފައި ނުކުތް ވަގުތު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އަނެއް ލަނޑު ކާމިޔާބު ކުރީ މެޗުގެ ދެ ވަަނަ ހާފްގަ އެވެ. މިއީ ކުރިން ލިވަޕޫލާއި ޗެލްސީ އަށް ކުޅުނު ޓޮރޭޒް މިދިޔަ ސެޕްޓެމްބަރު މަހަށް ފަހު ލީގުގައި ލަނޑު ޖެހި ފުރަތަމަ މެޗެވެ.