އެންރީކޭގެ ނަޒަރުގައި ފޭވަރިޓަކީ ޕީއެސްޖީ

ޕެރިސް (ފެބްރުއަރީ 14) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ ޕީއެސްޖީ އާއި ބާސެލޯނާ ބައްދަލުކުރާ މެޗުގެ ފޭވަރިޓަކީ ޕީއެސްޖީ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


ޕީއެސްޖީ ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން 2013 އަދި 2015 ވަނަ އަހަރު ބާސެލޯނާ އަތުން ބަލިވެ ކަޓައިފަ އެވެ. އެހެން ނަމަވެސް މިރޭގެ މެޗަށް ނުކުންނައިރު އެންރީކޭ ދެކެނީ އެޑްވާންޓޭޖް އޮތީ ޕީއެސްޖީ އަށް ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި ޕީއެސްޖީ އަށް ދެ އެޑްވާންޓޭޖެއް އެބައޮތް. އެޑިސަން ކަވާނީ އަކީ މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް. އޭނާ މިހުރީ ޕީއެސްޖީގައި. ދެން ޕީއެސްޖީގެ ކޯޗު އުނައި އެމެރީ އަކީ ބާސެލޯނާގެ ކުޅުން ވަރަށް ރަނޅަށް އެނގޭނެ ކޯޗެއް،" އެންރީކޭ ބުންޏެވެ.

"އަހަރެމެން މީގެ ކުރިން ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުތައް މަތިން ހަނދާން އެބަހުރި. މި ދަނޑުގައި ޕީއެސްޖީގެ ސަޕޯޓަރުން ކުރިމަތީގައި އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހައެއް ނޫން." އޭނާ ބުންޏެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ބާސެލޯނާގެ ހަވިއޭ މަޝަރާނޯ އާއި އާޑާ ޓުރާން އަށް ނުކުޅެވޭނެ އެވެ. އަދި އެންމެ ފަހުން ސްޕެނިޝް ލީގުގައި އަލަވޭސް އަތުން މޮޅުވި މެޗުގައި ފައިގެ ކުޑަހުޅު ބިންދައިގެން ދިޔަ އަލެކްސް ވިޑާލަށް ވަނީ ސީޒަން ނިމިފަ އެވެ.

"ޕީއެސްޖީއާ ދެކޮޅަށް ކުޅޭއިރު ސަމާލުވާން ޖެހޭ ކަންތައްތައް ގިނަ. އެކަމަކު އަހަރެމެން ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު މި ކުޅުންތެރިންގެ ފެންވަރުގައި ކުޅެފިނަމަ ހުއްޓުވުމަކީ ފަސޭހަކަމެއް ނޫން. ފާއިތުވެދިޔަ ތަނުގައި މި ޓީމުން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު އަހަރެމެންނަށް ވެސް އެޑްވާންޓޭޖްތަކެއް އެބަހުރި،" އެންރީކޭ ބުންޏެވެ.

ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޕީއެސްޖީ އަންނަނީ އަހަރަކަށް ފަހު އަހަރެއް މި މުބާރާތުގައި ވަރުގަދަ ކުރަމުން ކަމަށް އެންރީކޭ ބުންޏެވެ.

ޕެރިހުގައި މިރޭ ޕީއެސްޖީ އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.