ޕީއެސްޖީގެ ބޮޑު މޮޅާ އެކު ބާސެލޯނާ ކަރުތާ ފެނަށް

ޕެރިސް (ފެބްރުއަރީ 15) – އެންހެލް ޑި މަރިއާގެ ދެ ގޯލާ އެކު، ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އަތުން 4-0 އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ފިޔަވަޅަކާ ގާތަށް ފްރާންސުގެ ޗެމްޕިއަން ޕީއެސްޖީ ޖެހިލައިފި އެވެ.


އަންނަ މަހު އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން އާދަޔާހިލާފު ނަތީޖާއެއް ނުނެރެފި ނަމަ 10 ވަރަކަށް އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ބާސެލޯނާ ފުރަތަމަ ފަހަރަށް ކަޓާނެ އެވެ. ޗެމްޕިއަންސް ލީގުގެ ތާރީހުގައި މިހާތަނަށް ހަތަރު ލަނޑުގެ ނަތީޖާއެއް އެއްވެސް ޓީމަކަށް އަނބުރާލެވިފައެއް ނުވެ އެވެ.

ޕީއެސްޖީގެ ކޯޗު އުނައި އެމެރީ އަށް މި މެޗުގެ ކުރިން ބާސެލޯނާގެ މައްޗަށް ކުރި ހޯދިފައިވަނީ 23 މެޗުގެ ތެރެއިން އެންމެ ފަހަރަކު އެވެ. އެކަމަކު ސްޕެއިނުގެ ސެވިއްޔާއާ އެކު ޔުރޮޕާ ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވާ އެމެރީ މިވަނީ އޭނާގެ ޔޫރަޕުގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފަ އެވެ.

ޕެރިހުގެ ޕާކް ޑި ޕްރިންސެސްގައި ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އިއްޔެ 29 ވަނަ އުފަންދުވަސް ފާހަގަކުރި ޑި މަރިއާ އެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ދެ ވަނަ ލަނޑު ޖެހީ ޖެނުއަރީ މަހު ޕީއެސްޖީއާ ގުޅުނު ހޫލިއަން ޑްރެޒްލާ އެވެ.

ދެ ވަނަ ހާފު ފަށައިގެން ބާސެލޯނާ އިން ރަނގަޅުކުރާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމަށް ހަމަނޭވާއެއް ނުލެވެނީސް، 55 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މި ގޯލް ޖެހީ ޑި މަރިއާ އެވެ. ބާސެލޯނާ އަށް ގާތްގަނޑަކަށް ފުރުސަތު ގެއްލުނީ 71 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ވައްދާލި ގޯލާ އެކު އެވެ.

"އަހަރެންގެ އުފަންދުވަހު ބާސެލޯނާ އަތުން 4-0 އިން މޮޅުވުމަކީ އާދާޔާހިލާފު އުފަލެއް. އަހަރެމެން މިތިބީ ވަރަށް އުފަލުން. މިއީ ވަރަށް ފުރިހަމަ މެޗެއް. ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމެޖެހޭ،" ރެއާލް މެޑްރިޑުގެ ކުރީގެ ތަރި ޑި މަރިއާ ބުންޏެވެ. "އަނެއް ބުރަށް ދިއުމަށް މިގޮތަށް އިތުރު މެޗެއް އެބަޖެހޭ ކުޅެން. އަހަރެމެން ހަތަރު ޖެހިއިރު ހަމަ އެ އަދަދަށް ލަނޑު ޖެހުމުގެ ގާބިލްކަން ބާސެލޯނާގެ ކިބައިގައި އެބަހުރި."

ކެޕްޓަން ތިއާގޯ ސިލްވާ އާއި ތަޖުރިބާކާރު މިޑްފީލްޑަރު ތިއާގޯ މޮޓާ ނެތި ޕީއެސްޖީން ކުޅުނުއިރު އެ ޓީމުގެ މެދުތެރެ ބެލެހެއްޓީ ޗެމްޕިއަންސް ލީގުގައި އަލަށް ކުޅުނު އެޑްރިއަން ރެބިއޮޓެވެ. ޑިފެންސަށް ކުޅުނީ އުމުރުން 21 އަހަރުގެ ޕްރެސްނެލް ކިމްޕެމްބޭ އެވެ.

ޔޫރަޕުގެ ފުޓްބޯޅަ މިދިޔަ 12 ވަރަކަށް އަހަރު ޑޮމިނޭޓްކުރަމުން އައި ބާސެލޯނާ ފަހަކަށް އައިސް ފެންނަނީ ބަލިކަށިކޮށެވެ. ހާއްސަކޮށް އެ ޓީމުގެ މެދުތެރެ ބަލަހައްޓަމުން ދިޔަ ޒަވީ ހެނާންޑޭޒް ދިޔަ ފަހުން ބާސެލޯނާގެ މެދުތެރެއަށް ދާއިމީ ހައްލެއް ނުލިބެ އެވެ.

ބާސެލޯނާ ވަނީ މީގެ ކުރިން މި ނަތީޖާ އިން ތިން ފަހަރު ބަލިވެފަ އެވެ. އެންމެ ފުރަތަމަ 1994 ގެ ފައިނަލުގައި އޭސީ މިލާން އަތުން 4-0 އިން ބަލިވިއިރު 1998 ވަނަ އަހަރު ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް އަތުން ހަމަ އެ ނަތީޖާ އިން ބަލިވި އެވެ. އެންމެ ފަހުން ބާސެލޯނާ މި ނަތީޖާ އިން ބަލިވީ 2013 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ޖަރުމަނުގެ ބަޔާން މިއުނިކް އަތުންނެވެ. ދެ ވަނަ ލެގުން ބަލިވީ 3-0 އިންނެވެ.