ފަހަތުން އަރައި މޮޅުވެ ރެއާލް އަލުން އެއް ވަނަ އަށް

މެޑްރިޑް (ފެބްރުއަރީ 27) – ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ބާސެލޯނާ މޮޅުވިއިރު، ވިޔަރެއާލް އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.


ރޭ ރަށުން ބޭރުގައި ބާސެލޯނާ މޮޅުވެ އެއް ވަނަ އަށް އެރި ނަމަވެސް އެއް މެޗު މަދުން ކުޅެފައިވާ މެޑްރިޑް އަލުން އެއް ވަނަ ހޯދީ 55 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 54 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 52 ޕޮޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ. އެތުލެޓިކޯ މެޑްރިޑް އޮތީ 45 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ވިޔަރެއާލާއި މެޑްރިޑް ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު ވިޔަރެއާލުން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޑްރިޑުން ތަފާތު ކުޑަކުރީ 64 ވަނަ މިނެޓުގައި ގަރެތު ބޭލް ޖެހި ލަނޑުންނެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ 74 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީއަކުން ޖެހި ލަނޑަކުންނެވެ. މެޑްރިޑް މޮޅުކޮށްދިނީ 84 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ފްރާންސުގެ ޕީއެސްޖީ އަތުން 4-0 އިން ބަލިވެ ފޯމް ކަޓާފައިވާ ބާސެލޯނާ އަށް ރޭ އެތުލެޓިކޯ މެޑްރިޑް އަތުން ލިބުނު މޮޅާ އެކު ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. މެޗުގެ ކުރިން ވެސް އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ވަނީ ވެސް މިއީ ގެއްލިފައި އޮތް ފޯމް އަލުން ގެންނަން އެންމެ އެކަށީގެންވާ މެޗު ކަމަށެވެ.

އެތުލެޓިކޯގެ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ބާސެލޯނާ އިން ލީޑު ނެގީ 64 ވަނަ މިނެޓުގައި ރަފީނިއާ ޖެހި ގޯލުންނެވެ. އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ 70 ވަނަ މިނެޓުގައި ޑިއޭގޯ ގޮޑިން އެވެ. ބާސެލޯނާ 86 ވަނަ މިނެޓުގައި ސަލާމަތްކޮށްދިނީ ލިއޮނަލް މެސީ އެވެ.