ލީގު ކަޕް ލިބުނަސް މޮރީނިއޯގެ ހިތެއް ނުފުރޭ

ލަންޑަން (މާޗް 4) - އިނގިރޭސި ލީގު ކަޕް ކާމިޔާބު ކުރެވުމުން މި ސީޒަނުގައި ދެން އަތް އުރާލައިގެން ހުންނަން ބޭނުންނުވާ ކަމަށާއި އިތުރު ކާމިޔާބީ ބޭނުންވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ސައުތެމްޓަން އަތުން މިދިޔަ ހަފްތާގައި 3-2 އިން ހޯދި މޮޅާ އެކު ޔުނައިޓެޑް ލީގު ކަޕް އުފުލާލިއިރު މޮރީނިއޯ ވެފައިވަނީ ޔުނައިޓެޑްގެ ތާރީހުގައި އެ ކްލަބަށް ކޯޗުކޮށްދޭ ފުރަތަމަ ސީޒަނުގައި ތަށްޓެއް ހޯދައިދިން ހަމައެކަނި ކޯޗަށެވެ.

ޔުނައިޓެޑް އަންނަނީ ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި އެފްއޭ ކަޕާއި ޔޫރޮޕާ ލީގުގައި ވެސް ވާދަކުރަމުންނެވެ. މޮރީނިއޯ ބުނީ ޔުނައިޓެޑުގެ އަމާޒަކީ ކޮންމެ މުބާރާތެއްގެ ވެސް ތަށި ކަމަށެވެ.

"ހަމައެކަނި ލީގު ތަށި ލިބުމުން އެއީ ހިތްހަމަ ޖެހުމެއް ކަމަށް ދެކިގެން ނުވާނެ. އިތުރު މުބާރާތްތަކެއް އެބަހުރި އޭގެން ވެސް ފުރިހަމަ ކާމިޔާބީ ބޭނުން. ޔުނައިޓެޑްގެ ފެންވަރަށް ބަލާއިރު އެންމެ މުބާރާތަކުން އަހަރެންގެ ވެސް ހިތެއް ނުފުރޭ،" މިއަދު ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވިއިރު އޭނާ އަކީ ވަރަށް ގޯސް މީހެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށެވެ.

"މީޑިއާ އިންނާއި އެހެން މީހުން އަހަރެން ޔުނައިޓެޑާ ގުޅުމުން އަހަރެން ސިފަކުރީ ވަރަށް ގޯސް މީހެއްގެ ގޮތުގައި އެކަަމަކު އެހެނެއްނުވި. މިހާރު މީޑިއާ އަށް ވެސް އެނގޭ އަހަންނަކީ ކޮންމެ ޓީމަކަށް ވެސް ތަފާތެއް ގެންނާނެ ކޯޗެއްކަން،" ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑްގެ އެޓޭކުގައި މި ސީޒަނުގައި އެންމެ މުހިއްމު ކުޅުންތެރިޔަކީ ޒަލަޓާން އިބްރަހިމޮވިޗް އެވެ. އޭނާ ވަނީ ސީޒަނުގެ މިހާތަނަށް 26 ލަނޑު ޖަހައިފަ އެވެ. އިބްރަހިމޮވިޗް ޔުނައިޓެޑާ އެކު ކޮންޓްރެކްޓް ހަދާފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ. މޮރީނިއޯ ބުނީ އިބްރަހިމޮވިޗް އެ ކްލަބްގައި ބަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން މުހިއްމު ކަމަަށެވެ.

"މި ޓީމަށް އިބްރަހިމޮވިޗްގެ މުހިއްމުކަން ފެނިއްޖެ. އަހަރެން ބޭނުން އޭނާ މި ޓީމުގައި މަޑުކުރުވަން. ސަޕޯޓަރުންގެ އެދުމަކީ ވެސް އެއީ،" މޮރީނިއޯ ބުންޏެވެ.

ލީގުގެ ހަ ވަނައިގައި އޮތް ޔުނައިޓެޑް މިއަދު އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:30 ގަ އެވެ.