ރެއާލަށް މޮޅެއް، ބާސެލޯނާ އެއް ވަނަ މަގާމު ދަމަހައްޓައިފި

ބާސެލޯނާ (މާޗް 5) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި އެއިބާ އަތުން ރެއާލް މެޑްރިޑް 4-1 އިން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯ އަތުން 5-0 އިން މޮޅުވެ ބާސެލޯނާ ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.


ބާސެލޯނާ އެއް ވަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ 25 މެޗުން 59 ޕޮއިންޓެވެ. އެ ޓީމަށް އިތުރު މެޗެއް އެބައޮތެވެ.

ރޭގެ މެޗުގައި ރެއާލުން ކުޅުނީ ސަސްޕެންޝަނުގައި ހުރި ގަރެތު ބޭލް އާއި އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލަ އެވެ. އެހެން ކަމުން ރޭގެ މެޗުގައި ރެއާލްގެ އެޓޭކް ލީޑުކުރީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ.

ބެންޒެމާ ވަނީ ފުރަތަމަ 25 މިނިޓް ތެރޭ ރެއާލަށް ދެ ލަނޑު ޖަހައިދީފަ އެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތް ލަލީގާ މެޗުގެ ތެރޭ ބެންޒެމާ ޖެހި ފުރަތަމަ ލަނޑުތަކެވެ. ފުރަތަމަ ހާފްގައި ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ ޖޭމްސް ރޮޑްރިގޭޒެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ވެސް ރެއާލުން ލަނޑުޖަހާނެ އިތުރު ފުރުސަތުތައް ހޯދި އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓްގައި ކާމިޔާބުކުރީ މާކޯ އަސެންސިއޯ އެވެ.

އެއިބާގެ ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ރުބެން ޕެނިއާ އެވެ.

ރޭ ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމުގެ ލިއޮނަލް މެސީ ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ބާސެލޯނާގެ އަނެއް ލަނޑުތައް ކާމިޔާބުކުރީ ނޭމާ އާއި ސެމިއުލް އުމްޓީޓީ އަދި އިވާން ރަކިޓިޗް އެވެ.

ލީގުގައި އެންމެ ފަހުން ސެލްޓާއާ ދެކޮޅަށް ކުޅުނު މެޗުން މިދިޔަ އޮކްޓޫބަރު މަހު ބާސެލޯނާ ބަލިވެފައިވުމުން މި މެޗަށް އެ ޓީމުން ނުކުތީ ވަރަށް ސަމާލުވެގެން ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ވަނީ ބުނެފަ އެވެ.

"އަހަރެމެން ކުރިން މެޗު ބަލިވެފައި އޮތުމުން މި މެޗަށް ނުކުތީ ވަރަށް ސަމާލުވެގެން. އެކަމަކު އަހަރެމެން ޓީމުގެ ފަރާތުން ފެނުނީ އާދަޔާހިލާފު މޮޅު ކުޅުމެއް. މިއީ ފާއިތުވި ތިން ވަަރަކަށް މަސް ތެރޭ އަހަރެމެންގެ ފަރާތުން ފެނުނު އެންމެ މޮޅު ކުޅުން،" އެންރީކޭ ބުންޏެވެ.