ބާސެލޯނާ އަށް ހަ ލަނޑު ޖެހިދާނެ: އެންރިކޭ

ބާސެލޯނާ (މާޗް 8) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ޕީއެސްޖީ ކޮޅަށް ބާސެލޯނާ އަށް ހަ ލަނޑު ޖެހިދާނެ ކަަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ބުނެފި އެވެ.


ފުރަތަމަ ލެގުން 4-0 އިން ޕީއެސްޖީ މޮޅުވެފައިވާއިރު ބާސެލޯނާ އަށް އަނެއް ބުރަށް ދިއުމަށް އޮތީ އުނދަގޫ ހަނގުރާމައެކެވެ. ޗެމްޕިއަންސް ލީގުގައި މިހާތަނަށް ފުރަތަމަ ލެގުން ހަތަރު ލަނޑުން ބަލިވެފައި އޮތް ޓީމަކަށް ދެ ވަނަ ލެގުގައި އެ ނަތީޖާ އަނބުރާލެވިފައެއް ނުވެ އެވެ. އެކަމަކު އެންރިކޭ ބުނީ އޭނާގެ ޓީމަށް ތާރީހުން ޖާގަ ހޯދިދާނެ ކަމަށެވެ.

"ނުވަދިހަ މިނެޓުގެ ތެރޭގައި އެތައް ބައިވަރު ކަމެއް ވެދާނެ. އަހަންނަށް ޔަގީން ކޮލިފައިވުމާ ގާތުގައި އަހަރެމެން އޮންނާނެކަމުގެ. އޭގެ މާނައަކީ އަހަރެމެން އަނެއް ބުރަށް ކޮލިފައިވާނެޔެކޭ ނޫން. އެކަމަކު ކޮލިފައިވުމާ ވަރަށް ގާތުގަޔޭ ޔަގީނުން ވެސް އޮންނާނީ،" އެންރިކޭ ބުންޏެވެ.

"އަހަރެމެން ކޮޅަށް އެ މީހުންނަށް (ޕީއެސްޖީ) ހަތަރު ލަނޑު ޖެހެންޏާ އަހަރެމެންނަށް ހަ ލަނޑު ޖެހޭނެ."

ބާސެލޯނާ ވަނީ ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން 11 ލަނޑު ޖަހައިފަ އެވެ. އަދި އެ ޓީމު ކޮޅަށް އެ ދެ މެޗުން ވަދެފައިވަނީ އެންމެ ލަނޑެކެވެ. ހޮނިހިރު ދުވަހުގެރޭ ސެލްޓާ ވީގޯ އަތުން 5-0 އިން މޮޅުވިއިރު ބާސެލޯނާ ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

"އަހަންނަށް އެނގޭ ފުރަތަމަ ލެގުގެ ނަތީޖާ އަނބުރާލުމަކީ ވަރަށް އުނދަގޫކަމެއް ކަން. އެކަމަކު ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ،" ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ބުންޏެވެ.

"މުހިއްމު ކަމަކީ މިކަން ވެދާނެކަން އަމިއްލަ ނަފުސަށް ގަބޫލުކުރުން. ޓީމެއް ކޮޅަށް ހަތަރު ލަނޑު ޖެހެންޏާ އެ ޓީމަކަށް ވާނީ ބާސެލޯނާ، އަހަރެމެން ކުޅޭ ގޮތާއި ގޭމް ކޮންޓްރޯލަށް ބަލާއިރު."

މިރޭގެ މެޗަށް ނުކުންނައިރު ބާސެލޯނާ އަށް އަނިޔާގެ މާބޮޑު މައްސަލައެއް ނެތެވެ. ނުކުޅެވޭ ކުޅުންތެރިންގެ ތެރޭގައި ތިބީ ކުރިން ވެސް އެ ލިސްޓުގައި ތިބި ޖެރެމީ މެތިއު އާއި އެލެއިކްސް ވިޑާލް އެވެ. ޕީއެސްޖީން އަނިޔާގައި ތިބި އެޑްރިއެން ރެބިއޮޓާއި އެންހެލް ޑި މަރިއާ އަދި ތިއާގޯ މޮޓާ ވަނީ ފިޓްވެ ސްކޮޑާ ގުޅިގަ އެެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.