ތާރީހީ މޮޅަކާ އެކު ދުނިޔެ ހައިރާންކޮށްލައި ބާސެލޯނާ ކުއާޓާއަށް

ބާސެލޯނާ (މާޗް 9) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 4-0 އިން ބަލިވެފައިވަނިކޮށް ދެ ވަނަ ލެގުގައި ރޭ އެ ޓީމު އަތުން 6-1 އިން މޮޅުވެ، ޗެމްޕިއަންސް ލީގުގެ ތާރީހުން ޖާގަ ހޯދައި އަދި މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ރޭ ޖާގަ ހޯދައިފި އެވެ.


ފުރަތަމަ ލެގުން ތަފާތު ބޮޑުކޮށް ބަލިވުމާ އެކު ބާސެލޯނާ އަށް ފުރުސަތު ގެއްލުނީ ކަމަށް ގިނަ ބަޔަކު ނިންމި އެވެ. އެކަމަކު ބާސެލޯނާ ކޮޅަށް ޓީމަކަށް ހަތަރު ލަނޑު ޖެހެންޏާ ބާސެލޯނާ އަށް ހަ ލަނޑު ޖެހިދާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ބުނި ބުނުމުން އެ ކްލަބުން މިވަނީ ސާބިތުކޮށްދީފަ އެވެ. އެއާ އެކު ބާސެލޯނާ ވެފައިވަނީ ފުރަތަމަ ލެގުން 4-0 އިން ބަލިވެފައިވަނިކޮށް، ދެ ވަނަ ލެގުގައި އެ ނަތީޖާ އަނބުރާލި ފުރަތަމަ ޓީމަށެެވެ.

ރޭގެ މެޗުގެ 88 ވަނަ މިނެޓާ ހަމަޔަށް ދިޔައިރު ވެސް ބާސެލޯނާ އޮތީ 5-3 ގެ އެގްރިގޭޓަކުން ފަހަތުގަ އެވެ. އެކަމަކު އިތުރު ވަގުތުގެ ގޮތުގައި ދިން ފަސް މިނެޓާ އެކު ބާކީ ހަތް މިނެޓުގެ ތެރޭގައި ބާސެލޯނާ އިން ތިން ލަނޑު ޖަހައި 6-5 ގެ އެގްރިގޭޓަކުން ކުރި ހޯދި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު އެއް މެޗުގެ ގޮތުގައި މިހާރު ވެސް ގިނަ ބަޔަކު ލޭބަލްކޮށްފައިވާ މި މެޗުގެ ތިން ވަނަ މިނެޓުގައި ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ޖެހި ލަނޑާ އެކު ވެސް ޕީއެސްޖީ އޮތީ އުނދަގޫ ހަނގުރާމައެއްކަން ސާބިތުވެގެންދިޔަ އެވެ. އޭރިއާ ތެރެއަށް ނޭމާ ހުރަސްކޮށްދިން ބޯޅަ ޕީއެސްޖީގެ ޑިފެންޑަރުންނަށް ސާފުނުކޮށްލެވި އުޅެނިކޮށް ސުއަރޭޒް ވަނީ ފުންމައިގެން އަރާ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. ޕީއެސްޖީ ހާސްކަމުގެ ތެރެއަށް ވެއްޓުނީ 40 ވަނަ މިނެޓުގައި އެ ޓީމުގެ ލޭވިން ކުރްޒަވާ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު އެވެ. މި ގޯލް ވަނީ ބާސެލޯނާގެ އަންދްރޭ އިނިއެސްޓާ ބާރު ސްޕީޑުގައި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ގޯލްކުރިމައްޗަށް މަޑުމަޑުން ޖައްސާލި ބޯޅަ ކުރްޒަވާ ދިފާއުކުރަން އުޅުމުގެ ތެރޭގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ލިއޮނަލް މެސީ ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައި ބާސެލޯނާ އުއްމީދާ ގާތަށް ގެނެސްދީފަ އެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ ތޯމަސް މުނިއާގެ ފައުލަކަށް ބާސެލޯނާގެ ނޭމާ އޭރިއާ ތެރެއަށް ވެއްޓުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު އަނެއްކާ ވެސް މަންޒަރު ބަދަލުވެގެން ދިޔައީ 61 ވަނަ މިނެޓުގައި ޕީއެސްޖީގެ އެޑިންސަން ކަވާނީ ޖެހި ގޯލާ އެކު އެވެ. ބާސެލޯނާގެ އުއްމީދުތަކަށް ހުރަސް އެޅުނީ ކަމަށް ގިނަ ބަޔަކު ނިންމީ މި ލަނޑާ އެކު ގޮސް، ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވީ އިރު ވެސް ނަތީޖާއަށް ބަދަލެއް ނައިސް 5-3 އިން ޕީއެސްޖީ ކުރީގައި އޮތުމުންނެވެ. އެކަމަކު ބާސެލޯނާ އިން ވަނީ ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެކަން މިރޭ ސާބިތުކޮށްދީފަ އެވެ.

ބާސެލޯނާގެ އެނބުރި އައުމަށް އާ ހިތްވަރެއް ލިބިގެން ދިޔައީ 88 ވަނަ މިނެޓުގައި ނޭމާ ގޯލުގެ މަތީ ކަނަށް ވައްދާލި ހިތްގައިމު ހިލޭ ޖެހުމާ އެކު އެވެ. ނަތީޖާ 5-4 ގައި އޮއްވާ 90 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ޕެނަލްޓީއެއް ހޯދައިދިނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ނޭމާ ވަނީ ބާސެލޯނާ އަށް 5-5 އިން އެގްރިގޭޓް ހަމަހަމަކޮށްދީފަ އެވެ. އެކަމަކު އެގޮތުގައި އޮވެ މެޗު ނިމުނަސް ޕީއެސްޖީ އަށް އަވޭ ގޯލުން ކުރި ލިބިގެން ކުއާޓާ ފައިނަލަށް ދާނީ އެ ޓީމަށެވެ. އެއަށް ވުރެ ބޮޑަށް އޭރު ސުވާލު އުފެދުނީ ބާސެލޯނާގެ ޕެނަލްޓީއާ މެޗު އެވެ. އެ ބޯޅައަށް ސުއަރޭޒް އެރި ވަގުތު އޭނާގެ މޭމަތީގައި ޕީއެސްޖީގެ މާކީނިއޯސް އަތްއެޅި ނަމަވެސް، އެއީ ސުއަރޭޒް ވެއްޓޭނެ ފަދަ ކޮންޓެކްޓެއް ނޫނެވެ.

ސުވާލު އުފެދުނު ޕެނަލްޓީއަށް ފަހު ދެ ޓީމުން ކުރިމަތިލީ އިތުރު ވަގުތުގެ ފަސް މިނެޓާ އެވެ. އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާ މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ސާޖީ ރޮބާޓޯ އެވެ. ބާސެލޯނާ އަށް ބަދަލުވީ ފަހުން ދެއްކި އެންމެ މޮޅު ކުޅުން މިރޭ ދެއްކި ނޭމާ ދިން ބޯޅަ ސާޖީ ރޮބާޓޯ އޭރިއާ ތެރެއިން އަރައި މަޑުމަޑުން ގޯލް ތެރެއަށް ވައްދާލުމާ އެކު ލައްކައެއްހާ މީހުން ވަދެ ތިބި ބާސެލޯނާގެ ނޯ ކޭމްޕް ސްޓޭޑިއަމް ގުގުމާލި އެވެ. ޔޫރަޕުގެ އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމަށް އުފާވެރިކަމުގެ އިންތިހާ ދަރަޖައިގެ ރާޅެއް އެރިފަދަ އެވެ. ދަނޑުގައި ތިބި ބައެއް ނޫސްވެރިން ސިފަކުރި ގޮތުގައި ރޭ ނޯ ކޭމްޕުން ފެނުނު ފަދަ މަންޒަރެއް ފަހަކަށް އައިސް ފެނިފައެއް ނުވެ އެވެ. ނުދަންނަ މީހަކަށް ވިޔަސް ބައްދައި އުފާފާޅުކުރިއިރު އަޑުން އަޑުނަގައި އުފާވެރިކަމުގެ ކަރުނަ އެތައް ބަޔަކު ތިއްބެވެ.

"މިރޭގެ އިހުސާސްތައް ކިޔައިދޭން ވަރަށް ދަތި. މިއީ ޑްރާމާއެއް ނޫން މިއީ ބިރުވެރި ފިލްމެއް. ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އަދި ކޯޗެއްގެ ގޮތުގައި ވެސް މަދު ފަހަރެއްގައި މެނުވީ ނޯ ކޭމްޕް އަހަރެން މި މަންޒަރެއް ނުދެކެން،" ބާސެލޯނާގެ ކޯޗު އެންރިކޭ ބުންޏެވެ. "މި ކާމިޔާބީގެ ފަހަތުގައި އޮތީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުބާރު."

ޕީއެސްޖީގެ ކޯޗު އުނާއީ އެމެރީ ބުނީ ފުރަތަމަ ހާފުގައި ގެއްލުނު ފުރުސަތު ދެ ވަނަ ހާފުގައި އަލުން އަނބުރާ ހޯދާފައިވަނިކޮށް ފަހު ދެ މިނެޓުގެ ތެރޭގައި ހުރިހާ ކަމެއް ގެއްލުނު ކަމަށެވެ. އަދި ބާސެލޯނާގެ ދަނޑުގައި މިފަދަ ކާމިޔާބެއް ހާސިލްކުރުމުގެ ގާބިލްކަން އެ ޓީމުގައި އެބަހުރި ކަމަށް އެމެރީ ބުންޏެވެ.