ބާސެލޯނާ - ޕީއެސްޖީ މެޗުގެ ރެފްރީ އަށް އަދަބު ދެނީ؟

ލަންޑަން (މާޗް 11) - ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެރޭ ޕީއެސްޖީގެ މައްޗަށް ބާސެލޯނާ ކުރި ހޯދި މެޗުގެ ރެފްރީ ޖަރުމަނުގެ ޑެނިޒް އައިޓްކިން އަށް އަދަބުދޭން ޔުއޭފާގެ ރެފްރީސް ޕެނަލުން މަޝްވަރާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި އެ ޓީމު 4-0 އިން މޮޅުވެފައިވަނިކޮށް ބާސެލޯނާ ކުއާޓާ އިން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި 6-1 އިން ހޯދި ބޮޑު މޮޅާ އެކު 6-5 ގެ އެގްރިގޭޓުންނެވެ.

ބާސެލޯނާ އިން ޕީއެސްޖީގެ މައްޗަށް އަމިއްލަ ދަނޑުގައި ކުރިހޯދީ މެޗުގެ ފަހު ހަތް މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ. އެ މެޗުގައި ބާސެލޯނާ އިން ޖެހި ހަ ލަނޑުގެ ތެރޭގައި ދެ ޕެނަލްޓީ ހިމެނޭއިރު، އެ ދެ ޕެނަލްޓީއާ މެދު ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުއޭފާގެ ރެފްރީސް ޕެނަލުން ވަނީ މި މެޗު އެނަލައިސްކޮށް ތުރުކީ ދަރިކޮޅުގެ އައިޓްކިންގެ ގޯސް ނިންމުތަކާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އަދި މިކަމުގެ ސަބަބުން ގިނަ ރެފްރީންނަށާއި ޔުއޭފާ އަށް ފާޑުކިޔުން އަމާޒުވެފައިވާތީ ވީހާވެސް ރަނގަޅަށް މި ކަންތައް ނިންމުމަށް އެ އިދާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ފާއިތުވި ސީޒަނުގައި ޖަރުމަނު ލީގުގައި އައިޓްކިން ރެފްރީކަން ކުރި މެޗުތަކުގައި ގިނަ ގޯސްތަކެއް ވަނީ ހިނގާފައި. އޭނާގެ ޓްރެކް ރެކޯޑަށް ބަލާފައި ޔުއޭފާ އިން ނިންމާ ނިންމުމެއް މިއީ. ހަމައެކަނި ބާސެލޯނާ އާއި ޕީއެސްޖީ މެޗަކަށް ނޫން،" ޔޫއޭފާގެ އޮފިޝަލަކާ ހަވާލާދީ ޖަރުމަނުގެ ކުޅިވަރު މީޑިއާ ބިލްޑްގައި ރިޕޯޓްކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޔޫއޭފާ އިން ނިންމާފައިވަނީ އައިޓްކިން އަށް މި ފަހަރު ޗެމްޕިއަންސް ލީގުގައި އިތުރު ބޮޑު މެޗެއްގެ ރެފްރީކަން ނުދިނުމަށެވެ. އަދި އޭނާ ޖަރުމަނު ލީގުގެ މެޗުތަކުގައި ރެފްރީކަން ކުރާ މެޗުތައް މޮނިޓާ ކުރުމަށް ފަހު ޔުއެފާގެ މެޗުތަކުން ކުރިއަށް އޮތްތަނުގައި ފުރުސަތު ދިނުމަށެވެ.

މިކަމާ ގުޅޭގޮތުން ޔޫއޭފާ އިން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައިނުވެ އެވެ.