ބާސެލޯނާ ހަމަބިމުގައި، ރެއާލްގެ ވިސްނުން ކުރިއަށް

ބާސެލޯނާ (މާޗް 12) - ސްޕެނިޝް ލީގުގައި މިރޭ ޑިޕޯޓިވޯ ލަކަރޫނިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ބާސެލޯނާ އޮތީ ހަމަބިމުގައި ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެރޭ ޕީއެސްޖީ އަތުން ފަހަތުން އަރައި ބާސެލޯނާ އިން ހޯދި ތަފާތު ބޮޑު މޮޅާ އެކު އެ ޓީމު މި ވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. ބާސެލޯނާގެ ކޯޗު އެންރީކޭ ބުނީ އެ މެޗަކީ މިހާރު މާޒީ ކަމަށާއި އެ ޓީމުން މާ ބޮޑަށް އެ މެޗުގެ ކަންތައްތަކާ މެދު ނުވިސްނާ ކަމަށެވެ.

ބާސެލޯނާ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 25 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ލީގުގެ ތިން ވަނައިގައި އޮތް ސެވިއްޔާ އާއި އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

"އަހަރެމެން މި ތިބީ ހަމަބިމުގައި. އެއީ އެއްވެސް ވަރަކަށް އޯވަ ކޮންފިޑެންޓް ވެގެން ބޭނުމެއް ނޫން ގެއްލުމެއް ވާން. މިއީ ތަފާތު މުބާރާތެއް. ލީގުގައި އަހަރެމެން އޮތް މަގާމު ދަމަހައްޓަން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ،" އެންރީކޭ ބުންޏެވެ.

ބާސެލޯނާ އަކީ ކުޅޭ ކޮންމެ މުބާރާތެއްގެ ވެސް ތަށްޓަށް ވާދަކުރާ ޓީމެއް ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ކާމިޔާބު ހޯދަން އެ ޓީމުން މަސައްކަތް ކުރާނެ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

ރެއާލް މެޑްރިޑްގެ ތިން ކުޅުންތެރިއަކު ކައިރިން ބާސެލޯނާގެ މެސީ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ބާސެލޯނާގެ ނޭމާ އަށް މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ.

ރެއާލް މިރޭ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރެއާލުން މެޗެއް ކާމިޔާބު ކުރާނީ އަމިއްލަ މަސައްކަތުން މޮޅަށް ކުޅެގެން ކަމަށެވެ.

"އަހަރެމެން އެއްވެސް ބަޔަކަށް ބަރޯސާ ވެގެން މެޗަކުން މޮޅުވާން ނުވިސްނަން. އަހަރެމެން މެޗުތަކުން މޮޅުވާނީ އަހަރެމެންގެ މޮޅު ކުޅުން ދައްކައިގެން. އެއީ ކޯޗެއްގެ ގޮތުގައި އަހަރެންގެ ވިސްނުން،" ޒިދާން ބުންޏެވެ.

އޭނާ ބުނީ ރެފްރީން އެހެން ކްލަބްތަކަށް ހާއްސަ ސަމާލުކަމެއްދޭ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށާއި އޭނާގެ ވިސްނުން ހުރީ އަމިއްލަ ޓީމަށް ކުރިއެރުން ހޯދައިދިނުން ކަމަށެވެ.

ރެއާލް އެންމެ ފަހުން ލީގު ހޯދީ 2012 ވަނަ އަހަރު އެވެ. ޒިދާން ބުނީ މިއީ ރެއާލަށް ލީގު ކާމިޔާބު ކުރެވޭނެ ސީޒަނެއް ކަމަށެވެ.

ބާސެލޯނާ އާއި ޑިޕޯޓިވޯ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:15 ގަ އެވެ. އަދި ރެއާލާއި ބެޓިސް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 00:45 ގަ އެވެ.