ބާސެލޯނާ ބަލިވުމުގެ ފައިދާ ރެއާލުން ނަގައިފި

މެޑްރިޑް (މާޗް 13) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން ބަލިވުމުގެ ފައިދާ ނަގައި ރެއާލް މެޑްރިޑް ކުޅުނު މެޗުން މޮޅުވެ ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.


ބާސެލޯނާ ބަލިވީ ރަށުން ބޭރުގައި ޑިޕޯޓިވޯ ލަކަރޫނިއާ އަތުން 2-1 އިންނެވެ. އަދި ރެއާލް މޮޅުވީ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން 2-1 އިންނެވެ.

މި މޮޅާ އެކު ރެއާލް އެއް ވަނަ އަށް ޖެހިލީ 26 މެޗުން 62 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 27 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗަށް ބާސެލޯނާ އިން ނުކުތީ ޕީއެސްޖީ އަތުން މިދިޔަ ބުދަ ދުވަހުގެރޭ މޮޅުވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްގެންނެވެ. ބާސެލޯނާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ނޭމާ އަށް ނުކުޅެވުމެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޑިޕޯޓިވޯ އިންނެވެ. މެޗުގެ 40 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހޮސޭލޫ އެވެ. ދެ ވަނަ ހާފް ފެށިގެން ފުރަތަމަ މިިނިޓްގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. މިއީ ސުއަރޭޒް ލަނޑު ޖެހި މެޗަކުން ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ.

މެޗު ނިމެން 16 މިނިޓަށް ވެފައި ހުއްޓައި ޑިޕޯޓިވޯ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ އަލެކްސް ބާގަންޓިނޯސް އެވެ. މިއީ މި ފަހަރު ލީގުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ބާގަންޓިނޯސް ކުޅުނު ފުރަތަމަ މެޗެވެ.

ރެއާލްގެ ސަންޓިއާގޯ ބާނަބައުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބެޓިސް އިންނެވެ. މެޗުގެ 24 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ އެންޓޯނިއޯ ސަނަބްރިއާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލަށް އެއްވަރުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ބެޓިސް އަށް މައްސަލަތައް ދިމާވީ މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ މަޓެއޯ މިޗިނީނީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ބެޓިސްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ރެއާލް މޮޅުކޮށްދިން ލަނޑު މެޗުގެ 81 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސާޖިއޯ ރާމޮސް އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ލީގުގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި މޮޅެއް މި ލިބުނީ ވަރަށް މުހިއްމު ވަގުތެއްގައި ކަމަށެވެ.

"ލީގުގެ ރޭހުގައި ދެން އޮތް ދެ ޓީމަށް މޮޅުނުވެވުނު ހަފްތާއެއްގައި އަހަރެމެންނަށް އުނދަގޫ މޮޅެއް ލިބުމަކީ އަހަންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް،" ޒިދާން ބުންޏެވެ.

އޭނާ ބުނީ މެޗުގެ ކުރިން ވެސް ކުޅުންތެރިންނަށް ވިސްނައިދިނީ ގިނަ ލަނޑުތަކެއް ނުޖެހުނު ނަމަވެސް ތިން ޕޮއިންޓް ހޯދުން މުހިއްމު ކަމަށެވެ.