ކުއާޓާގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭނީ ޔުވެންޓަސް

ނިޔޯން، ސްވިޒަލެންޑް (މާޗް 17) - ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ އާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ވާދަކުރަން ޖެހިއްޖެ އެވެ.


މި ދެ ޓީމު ވަނީ 2014/2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ބާލިންގައި އެ ފަހަރު ކުޅުނު ފައިނަލް މެޗުން ބާސެލޯނާ މޮޅުވީ 3-1 އިންނެވެ.

ޕީއެސްޖީ އަތުން ބާސެލޯނާ ފަހަތުން އަރައި ހޯދި ތަފާތު ބޮޑު މޮޅާ އެކު އެ ޓީމަށް ގިނަ ބަޔެއް ތައުރީފް ކުރަމުން އަންނައިރު، އަނެއް ބަޔަކު އަންނަނީ އެ ޓީމު މޮޅުވީ ރެފްރީގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ދާދި ފަހުން ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ވަނީ ކުއާޓާ ފައިނަލުގައި އެ ޓީމުން އެންމެ ކުޅެން ބޭނުންވަނީ ބާސެލޯނާއާ ދެކޮޅަށް ކަމަށް ބުނެފަ އެވެ.

ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅޭނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްއާ އެވެ. މިދެ ޓީމު ވަނީ 2013/2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބައްދަލުކޮށްފަ އެވެ. އެ ފަހަރު ބޮޑު ތަފާތަކުން ކުރިހޯދީ ރެއާލް އެވެ. އޭރު ރެއާލްގެ ކޯޗަކަށް ހުރީ މިހާރު ބަޔާން މިއުނިކްގެ ކޯޗު ކާލޯ އަންޗެލޮޓީ އެވެ. އަދި އޭރު އަންޗެލޮޓީގެ އެސިސްޓަންޓަކަށް ހުރީ މިހާރު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން އަލަށް ޖާގަ ހޯދި އިންގްލެންޑުގެ ޗެމްޕިއަން ލެސްޓާ ސިޓީ ބައްދަލުކުރާނީ މިދިޔަ އަހަރުގެ ރަނަރަޕް އެތުލެޓިކޯ މެޑްރިޑްއާ އެވެ. ޕްރިމިއާ ލީގުގެ 15 ވަނައިގައި މި ވަގުތު އޮތް ލެސްޓާ ކުއާޓާ އިން ޖާގަ ހޯދީ ސްޕެއިނުގެ ސެވިއްޔާ ކަޓުވާލުމަށް ފަހު އެވެ.

މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މޮނާކޯ ކުއާޓާގައި ނުކުންނާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. މޮނާކޯ ވަނީ މުބާރާތުގެ ދެ ވަނަ ބުރުގައި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ މެންޗެސްޓާ ސިޓީ ކަޓުވާލައިފަ އެވެ.

ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހު 11 އާއި 12 އަދި 18 އަދި 19 ގަ އެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް:

އެތުލެޓިކޯ މެޑްރިޑް - ލެސްޓާ ސިޓީ

ބޮރޫޝިއާ ޑޯޓްމަންޑް - މޮނާކޯ

ބަޔާން މިއުނިކް - ރެއާލް މެޑްރިޑް

ޔުވެންޓަސް - ބާސެލޯނާ

މި ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅޭނީ ވޭލްސްގެ ކާޑިފްގަ އެވެ. ފައިނަލް މެޗުގެ އެމްބެސަޑަރަކީ ކުރިން ލިވަޕޫލްއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފޯވާޑް އިއާން ރަޝް އެވެ.