ޔުވެންޓަސްގައި އޮތީ ދުނިޔޭގެ ފެންވަރުގެ ސްކޮޑެއް: އިނިއެސްޓާ

ބާސެލޯނާ (މާޗް 18) – މެޗެއް ކޮންމެ ވަގުތަކު ވެސް ބަދަލުކުރެވޭ ފެންވަރުގެ ކުޅުންތެރިން ޔުވެންޓަސްގައި އެބަތިބި ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ ކަމަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނަ ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ބުނެފި އެވެ.


މި ފަހަރުގެ ކުއާޓާގައި މި ދެ ޓީމު ބައްދަލުކުރަން ޖެހުނުއިރު 2014 ވަނަ އަހަރުގެ ފައިނަލުގައި ބާސެލޯނާ އިން ވަނީ ޔުވެންޓަސް އަތުން 3-1 އިން މޮޅުވެފަ އެވެ.

"އިޓަލީގެ ހުރިހާ ޓީމެއް ފަދައިން ޔުވެންޓަސްގައި އޮތީ އާދަޔާހިލާފު މޮޅު ޑިފެންސެއް. އޭގެ އިތުރަށް ޔުވެންޓަސްގައި އެބަތިބި ކޮންމެ ވަގުތަކު މެޗު ބަދަލުކުރެވޭ ފެންވަރުގެ ކުޅުންތެރިން. ކޮންމެ ދިމާލެއްގައި ތިބީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން. އެހެންވެ މި މެޗު އަހަރެމެންނަށް ވަރަށް އުދަނގޫވާނެ،" އިނިއެސްޓާ ބުންޏެވެ.

އެކަމަކު އިނިއެސްޓާ ބުނީ ބާސެލޯނާގެ ކުޅުންތެރިންގެ ހުނަރާއި ފެންވަރު އެންމެ ރަނގަޅު ގޮތުގައި ދައްކާލެވިއްޖެ ނަމަ މޮޅުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އިނިއެސްޓާ ވަނީ ބާސެލޯނާއާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ 2006 ގައި ފައިނަލުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ނަމަވެސް ފަހުން ކުޅުނު ތިން ފައިނަލުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނި އެ ޓީމުގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި އެވެ.

ބާސެލޯނާ އިން ކުއާޓާ ފައިނަލަށް ދަތުރުކުރީ، ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޕީއެސްޖީ އަތުން 4-0 އިން ބަލިވެފައިވަނިކޮށް ދެ ވަނަ ލެގުން 6-1 އިން މޮޅުވެގެންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ފެނުނު އެންމެ އާދަޔާހިލާފު އެއް ކުރިމަތިލުމެވެ. ޔުވެންޓަސް ކުއާޓާ އިން ފުރުސަތު ހޯދީ ޕޯޗުގަލްގެ ޕޯޓޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ބާސެލޯނާ އާއި ޔުވެންޓަސްގެ ފުރަތަމަ ލެގު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެރޭ އިޓަލީގަ އެވެ. ބާސެލޯނާގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެރެ އެވެ.