ވެލެންސިއާ ބަލިކޮށް ބާސެލޯނާ ފަރަގު ކުޑަކޮށްފި

ބާސެލޯނާ (މާޗް 20) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ 4-2 އިން ބަލިކޮށް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ބާސެލޯނާ އިން ކުޑަކޮށްފި އެވެ.


ހޮނިހިރު ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ އަތުން ހޯދި މޮޅާ އެކު ރެއާލް އެއް ވަނައިގައި އޮތީ 27 މެޗުން 65 ޕޮއިންޓާ އެކު ފަސް ޕޮއިންޓުގެ ފަރަގާ އެކު އެވެ. ރޭގެ މޮޅާ އެކު ބާސެލޯނާ އިން ވަނީ އެ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 28 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެލެންސިއާ އިންނެވެ. މެޗުގެ 29 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބު ކޮށްދިނީ އެލަކުއިމް މަންގާލާ އެވެ. ބާސެލޯނާ އަށް އޭގެ ހަ މިނިޓް ފަހުން އެއްވަރުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.

ބާސެލޯނާ އިން ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން މެޗުގެ 44 ވަނަ މިނިޓްގައި ލިއޮނަލް މެސީ އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ސުއަރޭޒް އަށް މަންގާލާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ފައުލާ ގުޅިގެން މަންގާލާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެލެންސިއާ އިން ވަނީ މިނިޓެއް ފަހުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު ޖެހީ ކުރިން ބާސެލޯނާ އަށް ކުޅުނު މުނީރް އަލް ހައްދާދީ އެވެ.

ދެ ވަނަ ހާފްގައި ވެލެންސިއާގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ބާސެލޯނާ އިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު 52 ވަނަ މިނެޓުގައި މެސީ ޖެހިއިރު ފަހު ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަންދްރޭ ގޯމޭޒެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ އެއް ވަނައިގައި އޮތް ރެއާލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ވެސް ޕޮއިންޓުގެ ފަރަގު ކުޑަކުރުން މުހިއްމު ކަމަށެވެ.

"މިއީ ވަރުގަދަ ޓީމެއް އަތުން ހޯދި މުހިއްމު މޮޅެއް. ލީގު ރޭހުގައި އޮންނަން ބޭނުންނަމަ އަބަދުވެސް ޖެހޭ ގިނަ މެޗުތަކެއް ކުޅުނު ނަމަވެސް މޮޅުވެގެން މަތީގައި އޮންނަ ޓީމަށް ޕްރެޝަރު ކުރަން،" އެންރީކޭ ބުންޏެވެ.

ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ 3-1 އިން ސެވިއްޔާ ބަލިކޮށް ލީގުގެ ތިން ވަނަ މަގާމާ ގާތަށް ޖެހިލައިފަ އެވެ. ސެވިއްޔާ މި ވަގުތު ތިން ވަނައިގައި އޮތީ 28 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އެތުލެޓިކޯ އޮތީ 28 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކުރީ ޑިއޭގޯ ގޮޑީން އާއި އެންޓޮއިން ގްރީޒްމަން އަދި ކޯކޭ އެވެ. ސެވިއްޔާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޔަކުއިން ކޮރޭއާ އެވެ.