މެސީ މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް: ބާސެލޯނާ

ބާސެލޯނާ (މާޗް 21) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ރޮބާޓް ފެނާންޑޭޒް ވިދާޅުވެއްޖެ އެވެ.


ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ނިމުމުން ހަމަވާނެ އެވެ. މިދިޔަ ޖޫން މަހުން ފެށިގެން ބާސެލޯނާ އިން އަންނަނީ މެސީއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން މަޝްވަރާ ކުރަމުންނެވެ.

ފެނާންޑޭޒް ވިދާޅުވީ މެސީގެ އެއްބަސްވުމުގެ މަޝްވަރާތައް ލަހުން ދިޔަ ނަމަވެސް އޭނާ އެ ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މެސީ އެއްބަސްވުން އާ ކުރާނެ. އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ މެސީ ބާސެލޯނާގައި ހުރީ އުފަލުންނޭ. މެސީ އެހެން ކްލަބަކަށް ދާން ބޭނުމެއް ނުވާނެ. އޭނާ އެ ހުރީ އެންމެ ރަނގަޅު ޓީމުގައި،" ފެނާންޑޭޒް ވިދާޅުވި އެވެ.

މިދިޔަ އަހަރު އަނިޔާގެ ސަބަބުން މެސީގެ ފޯމު ކޮންމެވެސް ވަރަކަށް ދަށްވި އެވެ. އެހެން ނަމަވެސް މި އަހަރު އޭނާ އަންނަނީ ތަފާތު ދަށްކަމުންނެވެ. މި ސީޒަނުގެ މިހާތަނަށް މެސީ ވަނީ 41 ލަނޑު ޖަހައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މެސީގެ އެއްބަސްވުން ލަސްވަނީ އޭނާ ޝަރުތުކުރާ ކަމެއް އޭގައި ހިމަނަން ބާސެލޯނާ އިން ދެކޮޅު ހަދާތީ އެވެ. މެސީ ބޭނުންވަނީ އެއްބަސްވުން ފަސް އަހަރަށް އާ ކުރާއިރު، ފަހު ދެ އަހަރުގެ ތެރޭ އޭނާ ބޭނުންވެއްޖެ ނަމަ ޔޫރަޕުން ބޭރު ކްލަބަކަށް ބަދަލުވެވޭ ގޮތަށް ކޮންޓްރެކްޓް ހެދުމަށެވެ.

ފެނާންޑޭޒް ވިދާޅުވީ ކޮންޓްރެކްޓްގައި ވަކި ކަމެއް ހިމަނަން މެސީ ޝަރުތުކޮށްފައިނުވާ ކަމަށެވެ.

ބާސެލޯނާ އިން އަންނަނީ އެ ޓީމުގެ ކެޕްޓަން އަންދްރެސް އިނިއެސްޓާގެ އެއްބަސްވުން އާ ކުރުމަށް ވެސް މަޝްވަރާ ކުރަމުންނެވެ. އިނިއެސްޓާ ދާދި ފަހުން ބުނީ ގިނަ އަހަރުތަކެއް ވަންދެން ބާސެލޯނާގައި މަޑުކުރަން ބޭނުންވާ ކަމަށެވެ.