ބާސާގެ ރިޒާވް ޓީމުގެ ސްޓޭޑިއަމަށް ކްރައިފްގެ ނަން

ބާސެލޯނާ (މާޗް 26) – މީގެ އަހަރެއްހާ ދުވަސް ކުރިން މަރުވި ބާސެލޯނާ އާއި ނެދަލެންޑްސްގެ ލެެޖެންޑް ޔޮހާން ކްރައިފުގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާސެލޯނާގެ ބީ ޓީމުގެ ސްޓޭޑިއަމަށް އޭނާގެ ނަން ދޭން ނިންމައިފި އެވެ.


ބާސެލޯނާގެ ބީ ޓީމަކީ، ކްރައިފުގެ ބޮޑު ހިއްސާއަކާ އެކު ބާސެލޯނާ ތަރައްގީކުރި އެ ކްލަބުގެ އެކަޑަމީން ތައްޔާރުކުރާ ކުޅުންތެރިން ސީނިއާ ޓީމަށް ކުޅެން ފެށުމުގެ ކުރިން ޕްރޮފެޝަނަލް ފުޓްބޯޅަ ތަޖުރިބާކުރާ ޓީމެވެ.

"ސިއުޓާޓް އެސްޕޯޓިވާގައި ތައްޔާރުކުރާ ސްޓޭޑިއަމަށް ނަން ދޭނީ ޔޮހާން ކްރައިފުގެ ނަމުން،" ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއޫ ވިދާޅުވި އެވެ.

މީގެ އިތުރުން ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމުގައި ކްރައިފުގެ ސްޓެޗޫއެއް ބަހައްޓައި ކްލަބުގެ ދާރުލްއާސާރުގައި ކްރައިފަށް ހާއްސަ ބަޔެއް ހެދުމަށް ވެސް ކްލަބުން ވަނީ ނިންމައިފަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ވަނީ ބާސެލޯނާ އަށް ހަތްދިހައިގެ ތެރޭ ކުޅުމަށް ފަހު 1988-1996 އަށް އެ ޓީމަށް ކޯޗުކޮށްދީފަ އެވެ. އެ މުއްދަތުގައި އެ ޓީމަށް ހަތަރު ފަހަރު ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްދިނެވެ. އަދި އެ ޓީމުގެ މަޝްހޫރު ޕާސިން ގޭމް ޑިވެލޮޕްކުރި ކޯޗަކީ ވެސް ކްރައިފެވެ.