މެސީ އަށް ދިނީ ނުހައްގު އަދަބެއް: ބާސެލޯނާ

ބާސެލޯނާ (މާޗް 30) - އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އަށް ފީފާ އިން ދީފައިވާ ހަތަރު މެޗުގެ ސަސްޕެންޝަނަކީ ނުހައްގު އަދި މާބޮޑު އަދަބު ކަމަށް އޭނާގެ ކްލަބް ބާސެލޯނާ އިން ބުނެފި އެވެ.


ފީފާ އިން މެސީ ސަސްޕެންޑްކުރީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޗިލީ އަތުން 1-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި އެސިސްޓަންޓް ރެފްރީއާ ދިމާލަށް ހުތުރު ބަސްތަކެއް ބޭނުންކުރުމުންނެވެ. މި ސަސްޕެންޝަނުގެ ސަބަބުން އޭނާ އަށް ބާސެލޯނާގެ އެއްވެސް މެޗެއް ނުގެއްލޭނެ އެވެ. އެކަމަކު އެ ކްލަބުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"ކްލަބުން ދެކޭ ގޮތުގައި ކުޅުންތެރިޔާ އަށް ދީފައިވާ ހަތަރު މެޗުގެ ސަސްޕެންޝަނަކީ ނުހައްގު އަދި ކުށާ ނުބައްދަލު ބޮޑު އަދަބެއް ކަމަށް. ބާސެލޯނާ އޮތީ މެސީއާ އެކު، އޭނާ އަކީ ދަނޑުމަތީގައި އަދި ދަނޑުބޭރުގައި ވެސް އަހުލާގީ ގޮތުން މިސާލެއް،" ބާސެލޯނާ އިން ބުނެފައިވެ އެވެ.

ފީފާ އިން މެސީ ސަސްޕެންޑްކުރިކަން އިއުލާންކުރީ ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ބޮލީވިއާ އަތުން 2-0 އިން އާޖެންޓީނާ ބަލިވި މެޗުގެ ފަސް ގަޑިއިރު ކުރިންނެވެ. އެ ނަތީޖާއާ އެކު އާޖެންޓީނާ އޮތީ ކޮލިފައިންގެ ދެކުނު އެމެރިކާ ޒޯނުގެ ފަސް ވަނައިގަ އެވެ. ރަޝިއާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން އޮޓޮމެޓިކް ފުރުސަތު ލިބޭނީ ގަދަ ހަތަރު ޓީމަށެވެ. ފަސް ވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.