ބާސެލޯނާއާ ހަވާލެއް ނުވާނަން: ޕޮޗެޓީނޯ

ލަންޑަން (މާޗް 31) - ބާސެލޯނާ އަށް ކޯޗުކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.


މި ސީޒަނަށް ފަހު ބާސެލޯނާ ކޯޗުކަމުން މިހާރު އެ މަގާމުގައި ހުރި ލުއިސް އެންރީކޭ ވަކިވުމަށް ވަނީ ނިންމައިފަ އެވެ. ބާސެލޯނާއާ ދެން ހަވާލުވާނެ ކޯޗަކާ ބެހޭގޮތުން މީޑިއާގައި އަންނަނީ ތަފާތު ވާހަކަ ދެކެވެމުންނެވެ.

އާޖެންޓީނާ އަށް އުފަން ޕޮޗެޓީނޯ ވަނީ ބާސެލޯނާ ނިސްބަތްވާ ކެޓަލޫނިއާ ސަރަހައްދުގެ އަނެއް ކްލަބް އެސްޕަންޔޯލަށް މީގެ ކުރިން ކުޅުމުގެ އިތުރުން އެ ޓީމަށް ކޯޗުކޮށްދީފަ އެވެ. ޕޮޗެޓީނޯ އެސްޕަންޔޯލަށް ކުޅުނީ 1994 އިން 2000 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ޕޮޗެޓީނޯ މަސައްކަތް ކުރީ 2009 އިން 2012 އަށެވެ.

"އަހަރެންނަކީ އެސްޕަންޔޯލްގެ ސަޕޯޓަރެއް. އަހަރެންގެ އިހުތިރާމް އަބަދުވެސް އެސްޕަންޔޯލަށް އޮންނާނެ. ބާސެލޯނާ އަކީ އެސްޕަންޔޯލްގެ ވާދަވެރިން. އަހަރެން ކިހިނެއް ބާސެލޯނާއާ ގުޅޭނީ. އެއީ ވާނެ ކަމެއް ނޫން،" ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ ބާސެލޯނާއާ ހަވާލުވުމަކީ އޭނާ ޓޮޓެންހަމުން ވަކިވެ އާސެނަލަށް ކޯޗުކޮށްދިނުން ކަހަލަ ކަމެއް ކަމަށެވެ.

"މިއީ މިސާލަކަށް އަަހަރެން ޓޮޓެންހަމުން ވަކިކުރުމުން ގޮސް އާސެނަލާ ހަވާލުވުން ކަހަލަ ކަމެއް. އަހަންނަކީ ސަޕޯޓުކުރާ ކްލަބަކަށް ބޭވަފާތެރިވާނެ މީހެއް ނޫން،" ޕޮޗެޓީނޯ ބުންޏެވެ.

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ޕޮޗެޓީނޯ ހޯދަން މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރު ވެއްޖެ އެވެ. އެހެން ނަމަވެސް އެ ދެ ފަހަރު ވެސް ޕީއެސްޖީ އަށް ދިއުމުގެ ފުރުސަތު ދޫކޮށްލުމަށް ފަހު ޕޮޗެޓީނޯ ނިންމީ ޓޮޓެންހަމްގައި މަޑުކުރުމަށެވެ.