ބާސެލޯނާ މޮޅުވިއިރު ރެއާލުން ލީޑު ދަމަހައްޓައިފި

ބާސެލޯނާ (އޭޕްރިލް 6) - ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާގެ މައްޗަށް 3-0 އިން ބާސެލޯނާ ކުރި ހޯދިއިރު ލެގަނޭސް އަތުން ރަށުން ބޭރުގައި ރެއާލް މެޑްރިޑް 4-2 އިން ހޯދި މޮޅާ އެކު ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.


ރޭގެ މޮޅާ އެކު ރެއާލް އެއް ވަަނަައިގައި އޮތީ 29 މެޗުން 71 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 30 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 30 މެޗުން 61 ޕޮއިންޓާ އެކު އެވެ.

ސެވިއްޔާއާ ކޮޅަށް ރޭގެ މެޗުގައި ބާސެލޯނާ އިން ޖެހި ތިން ލަނޑު ވެސް އެ ޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފްގަ އެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ ސަސްޕެންޝަނަށް ފަހު ރޭގެ މެޗުގައި ކުޅުނު ލިއޮނަލް މެސީ އެވެ. އަނެއް ލަނޑު ޖެހީ ލުއިސް ސުއަރޭޒް އެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިއީ މި ސީޒަނުގައި މެޗެއްގައި ފުރަތަމަ ހާފްގައި ބާސެލޯނާ އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ފަހަރު ކަމަށެވެ.

ލެގަނޭސް ކޮޅަށް ރެއާލްގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި މެޗުގެ ލަނޑުތަކާ އެކު މޮރާޓާ ވަނީ މި ސީޒަނުގެ މިހާތަނަށް 15 ލަނޑު ހަމަކޮށްފަ އެވެ.

ރެއާލްގެ އަނެއް ލަނޑު ޖެހީ ޖޭމްސް ރޮޑްރިގޭޒެވެ. ލެގަނޭސްގެ ލަނޑުތައް ޖެހީ ގަބްރިއެލް އާއި ލޫޗިއާނޯ ނެވޭސް އެވެ.

މިއީ މި މަހުގެ ތެރޭގައި ރެއާލް ކުޅެން ޖެހޭ ނުވަ މެޗުގެ ތެރެއިން ދެ ވަނަ މެޗެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ އެ ޓީމުގެ ސީޒަން ބަރޯސާވެފައިވަނީ މި މަހުގެ މެޗުތަކުގައި ނެރޭ ނަތީޖާތަކުގެ މައްޗަށް ކަމަށެވެ.

"އަހަރެމެންނަށް އެބައޮތް ވާދަވެރި ޓީމުތަކާ ދެކޮޅަށް ލީގު މެޗުތައް. ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ވެސް ކުޅެން ޖެހޭ. ޓީމަށް ބަދަލުތަކެއް އަންނާނެ. މިއީ ސީޒަންގެ ކާމިޔާބީއާ ގުޅިފައިވާ މެޗުތަކެއް،" ޒިދާން ބުންޏެވެ.