ބާސެލޯނާ އިން ފުރުސަތު ނަގާލައިފި

މަލާގާ (އޭޕްރިލް 9) – ސްޕެނިޝް ލީގުގައި ރޭ މަލާގާ އަތުން 2-0 އިން ބާސެލޯނާ ބަލިވެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން ހަމަހަމަކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.


ލީގުގައި ރޭ ރެއާލް މެޑްރިޑް ވަނީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު މެޑްރިޑް އެއް ވަނައިގައި އޮތީ 72 ޕޮއިންޓާ އެކު އެވެ. އެއާ އެކު ރޭ މަލާގާ އަތުން ބާސެލޯނާ މޮޅުވި ނަމަ އެ ޓީމަށް ޕޮއިންޓުގެ ގޮތުން މެޑްރިޑާ އެއްވަރުވާނެ އެވެ. މިހާރު ބާސެލޯނާ ދެ ވަނައިގައި އޮތީ 69 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 62 ޕޮއިންޓާ އެކު، އޮތީ އެތުލެޓިކޯ މެޑްރިޑެވެ.

ރޭގެ މެޗުގެ 65 ވަނަ މިނެޓުގައި ބާސެލޯނާގެ ނޭމާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ މަލާގާގެ ހިލޭ ޖެހުމެއް ބްލޮކްކުރުމުންނެވެ. ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކީ މަލާގާގެ ޑިއޭގޯ ލޮރެންޓޭ އަށް ފައުލްކުރުމުންނެވެ. އެކަމަކު އޭނާ ދަނޑުން ފައިބަމުން ހަތަރު ވަނަ އޮފިޝަލާ ދިމާލަށް ހިތްހަމަނުޖެހުން ފާޅުކުރުމުން އިތުރު އެއް މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ. އެހެންވެއްޖެ ނަމަ ލީގުގައި މެޑްރިޑާ ދެކޮޅަށް މި މަހުގެ 23 ގައި ނުކުޅެވޭނެ އެވެ.

ރޭގެ މެޗުގައި މަލާގާ އިން ފުރަތަމަ ގޯލް ޖެހީ 32 ވަނަ މިނެޓުގަ އެވެ. މި ލަނޑު ކާމިޔާބުކުރީ ސެންޑްރޯ ރަމިރޭޒެވެ. މަލާގާގެ ދެ ވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖެހީ ޖޯނީ އެވެ.

ރެއާލް މެޑްރިޑުގެ ދަނޑުގައި ރޭ އެ ޓީމާއި އެތުލެޓިކޯ ކުޅުނު މެޗުގައި މެޑްރިޑަށް ލީޑު ނަގައިދިނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ ޕެޕޭ އެވެ. އެތުލެޓިކޯ އަށް 85 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ އެންޓޮއިން ގްރިޒްމަން އެވެ.