މިހާރު އޮތީ ކުރީގެ ޔުވެންޓަސްއެއް ނޫން: އެންރީކޭ

ޓިއުރިން، އިޓަލީ (އޭޕްރިލް 11) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ރަށުން ބޭރުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުު އޮތީ ކުރިއަށް ވުރެ މާ ވަރުގަދަކޮށް ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


ފަހު ވަގުތު ޕީއެސްޖީ ކަޓުވާލައި ބާސެލޯނާ މި ފަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިއީ މި މުބާރާތުގެ މި ހިސާބަށް ބާސެލޯނާ ޖެހިޖެހިގެން އައި 10 ވަނަ ސީޒަނެވެ. މިއީ މި މުބާރާތުގެ ވެސް ރެކޯޑެކެވެ.

މިރޭގެ މެޗު ޔުވެންޓަސްއާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު މި ދެ ޓީމު ވަނީ 2014/2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ބާލިންގައި އެ ފަހަރު ކުޅުނު ފައިނަލް މެޗުން ބާސެލޯނާ މޮޅުވީ 3-1 އިންނެވެ.

އެންރީކޭ ބުނީ އެ މެޗުން ލިބޭނެ އެއްވެސް ފައިދާއެއް މިހާރު ނެތް ކަމަށެވެ.

"އެއް އަހަރު ކުރީގެ މެޗެއް ސިކުނޑީގައި ބަހައްޓައިގެން މި މެޗަށް ތައްޔާރުވުމަކީ އަހަރެމެންނަށް ހެދޭނެ ގޯހެއް. މިހާރު ޔުވެންޓަސް ހުރިހާ ގޮތަކުން ވެސް ތަފާތު. މިހާރު އޮތީ ކުރީގެ ޔުވެންޓަސް އެއް ނޫން،" އެންރީކޭ ބުންޏެވެ.

ޔޫރަޕްގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 21 މެޗުން ޔުވެންޓަސް ވަނީ މޮޅުވެފަ އެވެ. އަދި އިޓާލިއަން ލީގުގައި ވެސް ޔުވެންޓަސް އިން އަންނަނީ އަމިއްލަ ދަނޑުގައި ރަނގަޅު ރެކޯޑެއް ދަމަހައްޓަމުންނެވެ. ޔުވެންޓަސް އިން ވަނީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 32 މެޗުން މޮޅުވެފަ އެވެ.

"ޔުވެންޓަސް އަމިއްލަ ދަނޑުގައި ވަރަށް މޮޅު. ރެކޯޑްތައް ބަލާލީމަ އެކަން ވަރަށް ރަނގަޅަށް އެނގޭ. އެކަމަކު ބާސެލޯނާގައި އެބަތިބި ފެންވަރު ރަނގަޅު ތަފާތު މޮޅު ކުޅުންތެރިން. މި ކުޅުންތެރިންނަކީ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ތަފާތު ދެއްކޭނެ ފަދަ ކުޅުންތެރިން،" އެންރީކޭ ބުންޏެވެ.

ބާސެލޯނާގެ އާޖެންޓީނާ ޑިފެންޑަރު ހަވިއޭ މަޝެރާނޯ ބުނީ ޔުވެންޓަސްގައި ތިބި އާޖެންޓީނާގެ ދެ ކުޅުންތެރިން ކަމަށްވާ ގޮންޒާލޯ ހިގައިން އާއި ޕައޮލޯ ޑީބަލާއާ މެދު ސަމާލުވާން ޖެހޭނެ ކަމަށެވެ.

ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ބުނީ ކުރިން އެ ޓީމަކީ ހަމައެކަނި ޑިފެންސް ވަރުގަދަ ޓީމެއްގެ ގޮތުގައި މީހުންނަށް ގަބޫލުކުރެވިފައި އޮތަސް މިހާރު ޓީމުތަކުން ޖެހިލުންވާ ފަދަ އެޓޭކިން ކުޅުންތެރިން ތަކެއް ޔުވެންޓަސްގައި އެބަތިބި ކަމަށެވެ.

މިރޭގެ މެޗު ހާއްސަވާ އަނެއް ކުޅުންތެރިއަކީ ޔުވެންޓަސްގެ ޑިފެންޑަރު ޑެނީ އަލްވޭސް އެވެ. މިއީ މިދިޔަ ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލި އަލްވޭސް ކުރީގެ ޓީމާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ. އަލްވޭސް ބުނީ މި މެޗަކީ އޭނާ އަށް ވަރަށް ހާއްސަ މެޗެއް ކަމަށާއި ޖަޒުބާތީ ހުރިހާ ކަމެއް އެއް ކައިރި ކުރުމަށް ފަހު ބޭނުންވަނީ ޔުވެންޓަސް މޮޅުކޮށްދޭން ކަމަށެވެ.

ޔުވެންޓަސް އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.