ބާސާއަށް އަނެއްކާ ވެސް ފުރަތަމަ ލެގުގެ ހިތްދަތިކަން

ޓިއުރިން، އިޓަލީ (އޭޕްރިލް 12) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޕައޮލޯ ޑީބަލާ ދެ ލަނޑާ އެކު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަތުން 3-0 އިން ބަލިވެ ސްޕެއިނުގެ ބާސެލޯނާ އަށް، ސެމީ ފައިނަލަށް ދިއުމަށް އަނެއްކާ ވެސް ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެން ޖެހިއްޖެ އެވެ.


ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ފްރާންސުގެ ޕީއެސްޖީ އަތުން 4-0 އިން ބަލިވެ ބާސެލޯނާ ކެޓީ ކަމަށް ގިނަ ބަޔަކު ނިންމައިގެން އެ ޓީމުން މަންޒަރު ބަދަލުކޮށް އަމިއްލަ ދަނޑުގައި 6-1 އިން މޮޅުވެގެންނެވެ. ކުއާޓާގައި ޔުވެންޓަސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން 2015 ވަނަ އަހަރު ބާސެލޯނާ އަތުން 3-1 އިން ޔުވެންޓަސް ބަލިވި ބަލިވުމުގެ ބަދަލު އެ ޓީމުން ހިފިއިރު މި މެޗުގެ ތަރިއަކަށްވީ އާޖެންޓީނާގެ ޑީބަލާ އެވެ. ބާސެލޯނާގެ ލިއޮނަލް މެސީގެ ވިދުވަރު ފަނޑުވެ ޑީބަލާ ވިދާލިއިރު އޭނާ އަކީ ބާސެލޯނާ އިން މިހާރު ވެސް ފާރަލަމުން އަންނަ ކުޅުންތެރިޔެކެވެ.

އޭނާ ހަތް ވަނަ މިނެޓުގައި ލީޑު ނަގައިދިން އިރު ބާސެލޯނާ އަށް ހަމަޖެހިނުލެވެނީސް 22 ވަނަ މިނެޓުގައި ދެ ވަނަ ގޯލް ވައްދާލި އެވެ. ރަށުން ބޭރުގައި ގޯލެއް ޖަހައި، ބާސެލޯނާ އިން އެޑްވާންޓޭޖް ނަގަން ދެ ވަނަ ހާފުގައި މަސައްކަތްކުރި ނަމަވެސް 55 ވަނަ މިނެޓުގައި ޖިއޯޖިއޯ ކިއެލީނީ ވަނީ ޔުވެންޓަސްގެ ތިން ވަނަ ގޯލް ޖަހައިފަ އެވެ.

"ކުޑައިރުން ފެށިގެން އަހަރެން މިފަދަ ރޭރޭތަކުގެ ހުވަފެން ދެކެން. މިއީ ފުޓްބޯޅައިގައި އަހަރެންގެ އެންމެ ބޮޑު އެއް ރޭ،" ޑީބަލާ ބުންޏެވެ.

ޕަލޭމޯ އިން 2015 ވަނަ އަހަރު 32 މިލިއަން ޔޫރޯ ޔުވެންޓަސް އިން ގަތް ޑީބަލާ ބުނީ ޓީމެއްގެ ގޮތުގައި ޔުވެންޓަސް ވަރަށް ފުރިހަމަ ކަމަށާއި ޔުވެންޓަސްގެ ތެރޭގައި އިތުބާރު ވަރަށް ބޮޑު ކަމަށެވެ.

"އެކަމަކު އަދި ނެތް އެހާ ބޮޑަށް ހިތްހަމަޖައްސާލެވޭކަށް. ސަބަބަކީ ކޭމްޕް ނޯ މެޗު އަދި އޮތުން. އެ މެޗު އުނދަގޫވާ،" ޑީބަލާ ބުންޏެވެ.

ޔުވެންޓަސްގެ ކޯޗު މެކްސް އެލެގްރީ ބުނީ ބާސެލޯނާ ފަދަ ޓީމެއްގެ އަތުން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ހާއްސަކޮށް ބައިކޮޅަށް ލަނޑެއް ވައްދާނުލާ މެޗު ނިންމާލަން ބޮޑު މަސައްކަތެއް ކުރަން ޖެހުނު ކަމަށެވެ.

"އެކަމަކު އަހަރެމެން ހަމަބިމުގައި ތިބެން ޖެހޭނީ. ޕީއެސްޖީން ޖެހި ހަތަރު ލަނޑު. އެކަމަކު ކިހިނެއް ދެންވީ،" ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށް ހަ ފަހަރު ފައިނަލުން ބަލިވެފައިވާ ޔުވެންޓަސްގެ ކޯޗު ބުންޏެވެ.