ސަސްޕެންޝަނާ ގުޅިގެން ނޭމާއަށް ރެއާލް މެޗު ގެއްލިއްޖެ

ބާސެލޯނާ (އޭޕްރިލް 12) – ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ބާސެލޯނާގެ ފޯވާޑް ނޭމާ ތިން މެޗަށް ސަސްޕެންޑްކުރުމާ ގުޅިގެން އޭނާ އަށް ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.


ނޭމާގެ ސަސްޕެންޑްކުރީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ މަލާގާ އަތުން 2-0 އިން ބާސެލޯނާ ބަލިވި މެޗުގައި ދެއްކި ރަތްކާޑާ ގުޅިގެން އެއް މެޗަށް އަދި ދަނޑުން ފައިބަމުން ހިތްހަމަނުޖެހުން ފާޅުކުރުމުން ދެ މެޗަށެވެ.

ނޭމާ އަށް ގެއްލޭ ފުރަތަމަ މެޗަކީ ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން މި މަހުގެ 23 ގައި މަޝްހޫރު އެލް-ކްލެސިކޯ މެޗުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުޅެވޭއިރު އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށް ވެސް އޭނާ ހުންނަން ޖެހޭނީ ކުޅި ބަލާށެވެ.

މި ސަސްޕެންޝަން ބާސެލޯނާ އިން އިސްތިއުނާފްކުރާނެ އެވެ. ސްޕެނިޝް ލީގުގެ ތާވަލުގެ ދެ ވަނައިގައި އޮތް ބާސެލޯނާ އަށް މި ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ ނޭމާ އެވެ. އެހެންވެ އެއް މެޗު މަދުން ކުޅެފައިވާ ރެއާލް މެޑްރިޑާ ދެމެދު އޮތް ތިން ޕޮއިންޓުގެ ފަރަގު ނައްތާލަން ބާސެލޯނާ އިން ކުރާ މަސައްކަތުގައި ނޭމާގެ މުހިއްމުކަން ބޮޑެވެ.