މެޑްރިޑް ފަހު ވަގުތު މޮޅުވިއިރު މެސީ ބާސާ މޮޅުކޮށްދީފި

ބާސެލޯނާ (އޭޕްރިލް 16) – ސްޕެނިޝް ލީގުގައި ރޭ އިސްކޯގެ ލަނޑާ އެކު ރެއާލް މެޑްރިޑް ސަލާމަތްވިއިރު، ލިއޮނަލް މެސީގެ ދެ ލަނޑާ އެކު ބާސެލޯނާ އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.


ސްޕޯޓިން ގިޔޯން އަތުން 3-2 އިން މޮޅުވެ ރެއާލް މެޑްރިޑް ވަނީ އެއް ވަނައިގައި 75 ޕޮއިންޓް ހަމަކޮށްފަ އެވެ. އަދި ބާސެލޯނާ ވަނީ ރެއާލް ސޮސިއެޑާޑް އަތުން 3-2 އިން މޮޅުވެ 72 ޕޮއިންޓް ހަމަކޮށް މެޑްރިޑާ ދެމެދު ތިން ޕޮއިންޓުގެ ފަރަގު ދަމަހައްޓައިފަ އެވެ.

ލީގުގައި މި ދެ ޓީމު މި މަހުގެ 23 ވަނަ ދުވަހު ކުޅޭ މެޗާ އެކު މެޑްރިޑާ ހަމަހަމަ ކުރުމުގެ ފުރުސަތު ބާސެލޯނާ އޮތް ނަމަވެސް މެޑްރިޑް އަތުގައި އިތުރު މެޗެއް އެބައޮތެވެ.

ރަށުން ބޭރުގައި ރޭ މެޑްރިޑް ކުޅުނު މެޗުގެ 14 ވަނަ މިނެޓުއި ގިޔޯންގެ ޑުޔޭ ކޮޕް ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މެޑްރިޑަށް ތިން މިނެޓު ފަހުން އެއްވަރުކޮށްދިނީ އިސްކޯ އެވެ. ދެ ވަނަ ހާފުގައި ގިޔޯން އިން އަލުން ލީޑު ނަގާފައިވަނިކޮށް އަލުން މެޑްރިޑަށް އެއްވަރުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. މެޑްރިޑް މޮޅުވީ 90 ވަނަ މިނެޓުގައި އިސްކޯ ޖެހި ގޯލުންނެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގެ 17 ވަނަ މިނެޓާއި 37 ވަނަ މިނެޓުގައި މެސީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ބާސެލޯނާގެ ސެމުއަލް އުމްޓީޓީ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު 42 ވަނަ މިނެޓުގައި ސޮސިއެޑާޑް އިން ތަފާތު ކުޑަކުރި ނަމަވެސް 44 ވަނަ މިނެޓުގައި ބާސެލޯނާގެ ޕަކޯ އަލްސެސާ ވަނީ އެ ޓީމަށް ތަފާތު ބޮޑުކޮށްދީފަ އެވެ. ސޮސިއެޑާޑުގެ ދެ ވަނަ ލަނޑު އޭގެ މިނެޓެއް ފަހުން ޖެހީ ޒަބީ ޕްރިއެޓޯ އެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ޔުވެންޓަސް އަތުން 3-0 އިން ބަލިވި މެޗުގެ ހިތްހަމަނުޖެހުން ފިލުވާލި ގޮތާއި އަދި މެޗުގައި ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ކުއާޓާ ފައިނަލުގައި ދެ ވަނަ ލެގުގައި އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ބާސެލޯނާ ނުކުންނާނެ އެވެ. އަދި ރެއާލް މެޑްރިޑުން ދެ ވަނަ ލެގުގައި ބުދަ ދުވަހުގެރޭ ބަޔާން މިއުނިކާ ވާދަކުރާނެ އެވެ. ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ރެއާލް މެޑްރިޑް ކާމިޔާބުކުރީ 2-1 އިންނެވެ.