ބާސާ އިން ޑެލޮފެއޫ އަލުން ގެންދަނީ

ބާސެލޯނާ (އޭޕްރިލް 16) – އެވަޓަންގެ ލޯނެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުން އަންނަ ސްޕެއިން ވިންގާ ޖެރާޑް ޑެލޮފެއޫ ގަތުމަށް ބާސެލޯނާ އަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.


ބާސެލޯނާގެ އެކަޑަމީން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމުން ކެރިއަރު ފެށި ޑެލޮފެއޫ ލޯން އުސޫލުން އެވަޓަން އާއި ސެވިއްޔާ އަށް ކުޅުމަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އެވަޓަންއާ ގުޅުނީ 2015 ވަނަ އަހަރު އެވެ. އެކަމަކު އޭނާ އަލުން 12 މިލިއަން ޔޫރޯ ގަތުމުގެ އިހުތިޔާރު ބާސެލޯނާ އަށް އެބައޮތެވެ.

އެވަޓަން އިން ވެސް އެކަށީގެންވާ ފުރުސަތު ނުލިބޭތީ ޖެނުއަރީ މަހު މިލާނަށް ލޯނެއްގެ ދަށުން ބަދަލުވެ ޑެލޮފެއޫ، 23، ވަނީ ފޯމަކަށް އެޅިފަ އެވެ. އެގޮތުން ސްޕެއިން ގައުމީ ޓީމުން އަލުން ޖާގަ ހޯދިއިރު މިދިޔަ މަހު ފްރާންސް އަތުން 2-0 އިން ސްޕެއިން މޮޅުވި މެޗުގައި ޕެނަލްޓީއެއް ހޯދައިދީ ގޯލެއް ޖަހައިދިނެވެ. އޭނާ އަންނަނީ މިލާނުގައި ވެސް ތަފާތު ދައްކަމުންނެވެ.

ބާސެލޯނާގެ ޑިރެކްޓަރު ރޮބަޓް ފެނާންޑޭޒް ވިދާޅުވީ ޑެލޮފެއޫ އަންނަ ސީޒަނަށް ގެންދަން އެ ކްލަބުން ބޭނުންވާ ކަމަށާއި އެކަމާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މިލާނުން ވެސް ވަނީ ޑެލޮފެއޫ އެ ކްލަބުގައި މަޑުކުރުވަން ބޭނުންވާ ކަމަށެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި ބާސެލޯނާ އަށް އޭނާ ގަތުމުގެ ފުރުސަތު އޮތަސް އެކަމުގައި އޭނާ އަށް ގޮތެއް ނިންމުމުގެ ފުރުސަތު ލިބެ އެވެ.