ބޭނުންވަނީ ފަސް ގޯލު، ނަތީޖާ އަނބުރާލެވޭނެ: އެންރީކޭ

ބާސެލޯނާ (އޭޕްރިލް 19) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދަން މިރޭ ޔުވެންޓަސް ކޮޅަށް ފަސް ގޯލު ޖަހައިގެން މެޗުގެ ނަތީޖާ އަނބުރާލެވޭނެ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


ބާސެލޯނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެ ވަނަަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ 4-0 އިން މޮޅުވެފައިވަނިކޮށް އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން 6-1 އިން ޕީއެސްޖީ ބަލިކުރުމަށް ފަހު އެވެ. މިރޭ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭއިރު، ފުރަތަމަ ލެގުން ބާސެލޯނާ ވަނީ ޔުވެންޓަސް އަތުން 3-0 އިން ބަލިވެފަ އެވެ.

"ވިސްނަން ޖެހޭ ކަމަކީ އިިދިކޮޅަށް ނުކުންނަ ޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބޭނެކަން. އެ ގޮތަށް ބަލާނަމަ އަހަރެމެންނަށް ބޭނުންވަނީ ފަސް ގޯލު. ނަތީޖާ އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" މިރޭގެ މެޗުގެ ކުރިން އެންރީކޭ ބުންޏެވެ.

އޭނާ ބުނީ ބޭނުންވަނީ ޕީއެސްޖީ މެޗުގައި ލިބުނު ވަރުގެ ހިތްވަރެއް ކުޅުންތެރިންނަށް ސަޕޯޓަރުން ދިނުމަށް ކަމަށެވެ.

"އަހަރެމެން މެޗަށް ނުކުންނާނީ ޕްރެޝަރެއް ނެތް ކަމަށް ދެކިގެން. އެއީ އަމިއްލަ ދަނޑުގެ އެޑްވާންޓޭޖް އޮތުމުން. ބޭނުންވަނީ ޕީއެސްޖީ މެޗުގައި ފެނުނު ވަރުގެ ސަޕޯޓެއް. ޔުވެންޓަސްގެ ޖީބުގައި ސެމީގެ ޖާގައެއް އެބައޮތް. އަހަރެމެން ވިސްނަންވީ އެޓޭކް ކުރާނެ ގޮތްތަކާ މެދު،" އެންރީކޭ ބުންޏެވެ.

ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ ބުނީ ޕީއެސްޖީގެ މައްޗަށް ކުރިހޯދުމުން އެނގުނު އެއްޗަކީ އަމިއްލަ ދަނޑުގައި ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ނަތީޖާ ނެރެވޭނެކަން ކަމަށެވެ.

ބާސެލޯނާ އަށް ކުރިން ކުޅުނު މިހާރު ޔުވެންޓަސްގެ ޑިފެންޑަރު ޑެނީ އަލްވޭސް ބުނީ އެ ޓީމަށް މިހާރު ވެސް 60 ޕަސެންޓް ސެމީގެ ޖާގަ ޔަގީންވެފައިވާ ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި ޔުވެންޓަސް އަށް މިހާރު އޮތީ 60 ޕަސެންޓް ސެމީ ޔަގީންވެފައި. އެކަމަކު އަނެއް 40 ޕަސެންޓްގެ ބޭނުން ބާސެލޯނާ އިން ރަނގަޅަށް ހިފައި ނަތީޖާ އަނބުރާލުމަށް ހުރިހާ ގޮތަކުން މަސައްކަތް ކުރާނެ. އަހަރެމެން އެ ކަމަށް ސަމާލުވާންޖެހޭ،" އަލްވޭސް ބުންޏެވެ.

ޔުވެންޓަސް އަށް މި މެޗަށް ނުކުންނައިރު ލިބުނު އެންމެ ބޮޑު އެެއް ހިތްހަމަޖެހުމަކީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު އާޖެންޓީނާގެ މިޑްފީލްޑަރު ޕައޮލޯ ޑީބަލާ މިރޭގެ މެޗަށް ފިޓްވެފައިވުމެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗުގައި ޑީބަލާ ވަނީ ބާސެލޯނާ ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ. ޔުވެންޓަސް އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 23:45 ގަ އެވެ.