ބާސެލޯނާ ހިފަހައްޓައި ޔުވެންޓަސް ސެމީ އަށް

ބާސެލޯނާ (އޭޕްރިލް 20) – ބާސެލޯނާގެ ދަނޑުގައި އެ ޓީމާ 0-0 އިން އެއްވަރުކޮށް ޔުވެންޓަސް އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.


އަމިއްލަ ދަނޑުގައި ފުރަތަމަ ލެގުން 3-0 އިން ޔުވެންޓަސް މޮޅުވިއިރު މިރޭ ބާސެލޯނާ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ މަދުވެގެން ތިން ލަނޑު ޖަހައިގެންނެވެ. ބާސެލޯނާ އިން މި މެޗަށް ނުކުތީ، ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޕީއެސްޖީ އަތުން 4-0 އިން ބަލިވެފައިވަނިކޮށް ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލި މެޗުން ހިތްވަރު ހޯދައިގެންނެވެ.

އެކަމަކު މުޅި މެޗުގައި ކެނޑިނޭޅި ބާސެލޯނާ އިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ޔުވެންޓަސްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. އެކަން އެއްކިބައިގައި އޮއްވާ ޔުވެންޓަސްގެ ޑިފެންސް ލައިން ފަހަނައަޅާ ދިއުމުގައި ވެސް ކާމިޔާބެއް ނުލިބުނެވެ. މުޅި މެޗުގައި ވެސް ޔުވެންޓަސްގެ ގޯލަށް އަމާޒުކޮށް ބާސެލޯނާ އަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ފުރަތަމަ ހާފުގައި ޔުވެންޓަސް އިން ކައުންޓާ އެޓޭކުގައި ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު ގޮންޒާލޯ ހިގައިން އާއި ހުއާން ކުއަޑްރާޑޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ. ދެ ވަނަ ހާފުގައި ބާސެލޯނާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހުމުގެ ފައިދާ ނަގައި ޔުވެންޓަސް އިން ދޭތެރެއަކުން ކައުންޓާ އެޓޭކުގައި ހަމަލާތަކެއް ފޮނުވާލި އެވެ.

ދެ ލެގުގެ އެގްރިގޭޓުން 3-0 އިން ކުރި ހޯދައި ޔުވެންޓަސް ސެމީ އަށް ދިޔައިރު، ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުވީ ފްރާންސުގެ މޮނާކޯ އެވެ. ކުއާޓާގެ ދެ ވަނަ ލެގުން މިރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން މޮނާކޯ މޮޅުވިއިރު ދެ ލެގުން ކުރި ހޯދީ 6-3 އިންނެވެ. ފުރަތަމަ ލެގު މޮނާކޯ ކާމިޔާބުކުރީ 3-2 އިންނެވެ.

މިރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭގެ ގޯލުން މޮނާކޯ ކުރި ހޯދާފައިވަނިކޮށް އެ ޓީމުގެ ދެ ވަނަ ލަނޑު 17 ވަނަ މިނެޓުގައި ޖެހީ ރަޑަމެލް ފަލްކާއޯ އެވެ. ޑޯޓްމަންޑުގެ މާކޯ ރެއުސް އެ ޓީމަށް އުއްމީދެއް ގެނެސްދިން ނަމަވެސް މޮނާކޯގެ ވަލޭރާ ގެރްމައިން ވަނީ އިތުރު ގޯލެއް ސެމީ ކަށަވަރުކޮށްދީފަ އެވެ.

މޮނާކޯ އާއި ޔުވެންޓަސްއާ އެކު ސެމީ ފައިނަލުން ޖާގަ ހޯދީ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑެވެ. ސެމީގައި ބައްދަލުކުރަން ޖެހޭ ޓީމުތައް އެނގޭނީ ހުކުރު ދުވަހު އޮންނަ ގުރުއަތުނެގުމުގަ އެވެ.