ހިތްދަތި ވަގުތެއް، ތައްޔާރުވާންވީ ކްލަސިކޯ މެޗަށް: އެންރީިކޭ

ބާސެލޯނާ (އޭޕްރިލް 20) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރޭ ޔުވެންޓަސް އަތުން ކެޓުމުން މިއީ ބާސެލޯނާ އަށް ހިތްދަތި ވަގުތެއް ކަމަށާއި ދެން ތައްޔާރުވާންވީ އަންނަ އާދިއްތަ ދުވަހު އޮތް ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗަށް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


ޔުވެންޓަސް ކުރިހޯދީ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 3-0 އިން ހޯދި މޮޅުންނެވެ. ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު ދެ ވަނަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

"މިއީ ވަރަށް ހިތާމަވެރި ވަގުތެއް. އަހަރެމެން އެންމެ ފަހު މިނިޓާ ޖެހެންދެން ހިތްވަރުކުރިން. ސަޕޯޓަރުން ދިން ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ރޭގެ މެޗަށް ފަހު އެންރީކޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުން ކެޓުމަކީ ބާސެލޯނާ އަށް ލިބުނު ބޮޑު މާޔޫސްކަމެއް ކަމަށާއި އެހެން ނަމަވެސް ކުރިއަށް މުހިއްމު މެޗެއް އޮތުމުން އަތްއުރާލައިގެން ތިބެވެން ނެތް ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

"ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ވަރަށް މުހިއްމު. ޗެމްޕިއަންސް ލީގުން ކެޓުމަކީ ލިބޭ ދެރައެއް. އެކަމަކު ބާސެލޯނާ އަކީ ކޮންމެ މުބާރާތަކަށް ވެސް ވާދަކުރާ ޓީމެއް. އަހަރެމެންނަށް ކުރިއަށް އޮތް އެބައޮތް ލީގުގައި މުހިއްމު މެޗެއް. ހުރިހާ ސަމާލުކަމެއް މި ވަގުތު އޮތީ އެ މެޗަށް،" އެންރީކޭ ބުންޏެވެ.

މި ސީޒަނަށް ފަހު ބާސެލޯނާ ކޯޗުކަމުން ވަކިވާން އެންރީކޭ ވަނީ ނިންމައިފަ އެވެ. އޭނާ ބުނީ ސީޒަން ނިންމާލަން ބޭނުންވަނީ ތަށްޓަކާ އެކު ކަމަށެވެ.

މިއީ މިދިޔަ ތިން އަހަރު ތެރޭގައި ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީގެ އިރުޝާދުގެ ދަށުން އެ ޓީމު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދި ދެ ވަނަ ފަހަރެވެ. އަލެގްރީ ބުނީ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުން ބާސެލޯނާ އަތުން ބަލިވި ފަހުން ޔުވެންޓަސް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށެވެ.

"ބާލިންގައި އޮތް ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ނުކުތް ކުޅުންތެރިންގެ ތެރެއިން މިރޭގެ މެޗުގައި ކުޅުނީ އެންމެ ދެ ކުޅުންތެރިން. އޭގެއިން އެނގެނީ މިހާރު ޔުވެންޓަސް ބަދަލުވެފައި އޮތް މިންވަރު،" އަލެގްރީ ބުންޏެވެ.

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ ދެ ލެގުގައި ދެއްކި ކުޅުމަށް ބަލާއިރު ޔުވެންޓަސް އަށް ސެމީގެ ޖާގައެއް ހައްގުވާ ކަމަށެވެ. އަދި ބާސެލޯނާގެ ހުރިހާ ވިސްނުމެއް މިހާރު އޮތީ ލީގަށް ކަމަށާއި އާދިއްތަ ދުވަހު ރެއާލް މެޑްރިޑް އަތުން މޮޅެއް ހޯދައިގެން ޗެމްޕިއަންސް ލީގުން ކެޓުމުގެ ހިތްދަތިކަން ހަނދާނުން ފޮހެލެވޭނެ ކަމަށެވެ.