ޕްރެޝަރު ބޮޑީ ބާސެލޯނާ އަށް އެކަންޏެއް ނޫން: ޒިދާން

މެޑްރިޑް (އޭޕްރިލް 23) - ސްޕެނިޝް ލީގުގައި މިރޭ އެލް ކްލަސިކޯ އަށް ނުކުންނައިރު ޕްރެޝަރު ބޮޑީ ބާސެލޯނާ އަށް ކަމަށް ގަބޫލުނުކުރާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.


ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުންކުޅެގެން ރެއާލް ލީގުގެ އެއް ވަނައިގައި މިވަގުތު އޮތީ 31 މެޗުން 75 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 32 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުން ރެއާލް މޮޅުވެއްޖެނަމަ މެޗު ހަމަވާއިރު ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ނުވަ ޕޮއިންޓަށް ބޮޑުވާނެ އެވެ.

ބަޔާން މިއުނިކް ބަލިކޮށް ރެއާލް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ބާސެލޯނާ ވަނީ ޔުވެންޓަސް އަތުން މުބާރާތުގެ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ. ބާސެލޯނާގެ ހުރިހާ ސަމާލުކަމެއް ލީގަށް މިހާރު އޮތްއިރު ޒިދާން ބުނީ ދެ ޓީމަށް ވެސް މި މެޗުގައި ޕްރެޝަރު އޮތީ އެއްވަރަކަށް ކަމަށެވެ.

"ޗެމްޕިއަންސް ލީގުން ކެޓުމުން ބާސެލޯނާ މި މެޗަށް އަދި ލީގަށް ވަރަށް ތައްޔާރުވާނެ. އެކަމަކު އެއީ އެ ޓީމަށް އިތުރު ޕްރެޝަރެއް އޮންނާނެ ކަމެއްކަމަށް އަހަރެން ގަބޫލުނުކުރަން. އެއީ މި ސީޒަނަށް ބަލާއިރު ބާސެލޯނާ ވަނީ އުނދަގޫ ހާލަތުގައި އޮވެ ހީނުކުރާ ފަދަ ނަތީޖާތައް ނެރެފައި،" ޒިދާން ބުންޏެވެ.

ސްޕެނިޝް ލީގުގެ ރޭހުގައި ރެއާލް މި ވަގުތު ކުރީގައި އޮތްއިރު، މި ފަހަރު އެ ޓީމު ލީގު ކާމިޔާބުކޮށްފިނަމަ ވެގެންދާނީ 2011-2012 ވަނަ އަހަރުގެ ސީޒަނަށް ފަހު އެ ޓީމު ލީގު ހޯދާ ފުރަތަމަ ފަހަރަށެވެ.

"މިއީ ލީގު އެންމެ އުނދަގޫވާ ހިސާބު. އެއީ ކޮންމެ ޓީމެއް ވެސް ދެ ގުނަ ހިތްވަރުކުރާނެ ރަނގަޅު ހިސާބަކަށްދާން. ބާސެލޯނާ އަކީ އަހަރެމެންގެ ވާދަވެރި ކްލަބް. އެ ޓީމު އަތުން ބަލިވެއްޖެނަމަ އަހަރެމެންނަށް ކުރިމަތިވާ ޕްރެޝަރު ވަރަށް ބޮޑުވާނެ،" ޒިދާން ބުންޏެވެ.

އަނިޔާގެ ސަބަބުން ރެއާލް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވޭލްސްގެ މިޑްފީލްޑަރު ގަރެތު ބޭލް ނުކުޅެ އެވެ. ޒިދާން ބުނީ މި މެޗުގައި ބޭލް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ސްކޮޑުގައި ބޭލް ހިމެނޭ. ޓީމަށް އަރާނެ ކުޅުންތެރިން ފައިނަލް ކުރާނީ ހުރިހާ ކަމަކަށް ބަލާފައި،" އޭނާ ބުންޏެވެ.

ރެއާލާއި ބާސެލޯނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.