ފަހު ކްލަސިކޯ މެޗަށް އެންރީކޭ ތައްޔާރު

މެޑްރިޑް (އޭޕްރިލް 23) – ސަސްޕެންޑްވެފައިވާ ފޯވާޑް ނޭމާއާ އެކު ނުވަތަ ނޭމާ ނެތި ވެސް، އޭނާގެ ފަހު އެލް-ކްލަސިކޯ މެޗަށް ތައްޔާރުވެފައިވާ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗަކީ، ބާސެލޯނާގެ ކޯޗުގެ ގޮތުގައި އެންރީކޭ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެ ފަހު މެޗެވެ. އަނެއްކޮޅުން މިއީ ސްޕެނިޝް ލީގު ހޯދުމުގެ ރޭހުގައި ވެސް ވަރަށް މުހިއްމު މެޗެކެވެ. އެކަމަކު ބާސެލޯނާ އަށް ކުރިމަތިވެފައިވާ މައްސަލައަކީ މުހިއްމު ކުޅުންތެރިޔާ ނޭމާ އަށް ނުކުޅެވުމެވެ.

ސްޕެނިޝް ލީގު މެޗެއްގައި ދެއްކި ރަތްކާޑަކާ ގުޅިގެން ރެފްރީއާ ހިތްހަމަނުޖެހުން ފާޅުކުރުމުން ދިން ޖުމްލަ ތިން މެޗުގެ ސަސްޕެންޝަނުގެ ތެރެއިން ރަތްކާޑުގެ ސަސްޕެންޝަން ވަނީ ފުރިހަމަކޮށްފަ އެވެ. އަނެއް ދެ މެޗުގެ ސަސްޕެންޝަން އެޕީލްކުރި ނަމަވެސް ސްޕެނިޝް ފެޑެރޭޝަނުން ވަނީ އަދަބު ލުއިނުކުރަން ނިންމައިފަ އެވެ.

ބާސެލޯނާ އިން އަންނަނީ ސްޕެއިނުގެ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށް މައްސަލަ ހުށަހަޅައިގެން ވެސް އޭނާ އަށް ކުޅެވޭނެ ގޮތެއް ވޭތޯ ބަލަމުންނެވެ. އެންރީކޭ ބުނީ ކްލަބުން ކުރަމުން އަންނަނީ ރަނގަޅު މަސައްކަތެއް ކަމަށެވެ.

"ކޯޗެއްގެ ހައިސިއްޔަތުން އަހަރެން މިހިރީ ތައްޔާރާށް ނޭމާއާ އެކު ވެސް ނުވަތަ ނޭމާއާ ނުލާ ވެސް ކުޅެން،" އެންރީކޭ ބުންޏެވެ. "ސީޒަން ނިމެން ކައިރިވެފައިވާތީ މިއީ މުހިއްމު ހަފުތާއެއް. މި ފަހަރުގެ ކްލަސިކޯ މެޗުން ލީގު ނަގާނެ ޓީމެއް ކަށަވަރުވެދާނެ ނުވަތަ ކަށަވަރުވުމާ ގާތަށް ގޮސްދާނެ ހަމަ އެގޮތަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ހުޅުވިދާނެ ވަރަށް ބޮޑަށް."

މިރޭގެ މެޗުން ބާސެލޯނާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ރެއާލް މެޑްރިޑާ ހަމަކުރެވޭނެ އެވެ. އަނެއްކޮޅުން މެޑްރިޑް މޮޅުވެއްޖެ ނަމަ، އިތުރު އެއް މެޗު އޮވެމެ، އަށް ޕޮއިންޓަށް ލީޑު ފުޅާކުރެވޭނެ އެވެ. އެއް ވަނައިގައި 75 ޕޮއިންޓާ އެކު މެޑްރިޑް އޮތްއިރު ބާސެލޯނާ ދެ ވަނައިގައި އޮތީ 72 ޕޮއިންޓާ އެކު އެވެ.

ރެއާލް މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.