މެޑްރިޑުން މަސައްކަތް ކުރަނީ މެސީ އަށް އަނިޔާކުރަން: ކަޕެއްލޯ

ލަންޑަން (އޭޕްރިލް 25) - ރެއާލް މެޑްރިޑް ދަނޑުގައި ކުޅޭ ކޮންމެ ކްލަސިކޯ މެޗެއްގައި ވެސް އެ ޓީމުން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް އަނިޔާކުރަން މަސައްކަތްކުރާ ކަމަށް ރެއާލްގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ ތުހުމަތުކޮށްފި އެވެ.


އާދީއްތަ ދުވަހުގެރޭ ކުޅުނު ކްލަސިކޯ މެޗުގެ ފަހު ވަގުތު ރެއާލް ކޮޅަށް މެސީ ވައްދާލި ލަނޑާ އެކު ބާސެލޯނާ މޮޅުވީ 3-2 އިންނެވެ. މި މެޗުގައި ރެއާލްގެ ސާޖިއޯ ރާމޮސް އަށް ރަތް ކާޑު ދެއްކީ މެސީ އަށް ކުރި ފައުލަކަށެވެ. އަދި މެޗުގެ ތެރެއިން ވެސް ރެއާލް ކުޅުންތެރިން ވަނީ މެސީ އަށް ފައުލުކޮށްފަ އެވެ.

"ބާނަބައުގައި ކްލަސިކޯއެއް އޮންނަ ކޮންމެ ފަހަރަކު ރެއާލް މެޑްރިޑް ކުޅުންތެރިން މެސީ އިންޖަރީ ކޮށްލަން މަސައްކަތް ކުރާނެ. ރާމޮސް އަށް ދެއްކީ ހައްގު ރަތް ކާޑެއް،" 2006-2007 އަށް ރެއާލަށް ކޯޗުކޮށްދިން ކަޕެއްލޯ ބުންޏެވެ.

މެސީ އަކީ ކްލަސިކޯ މެޗުތަކުގެ ތާރީހުގައި އެންމެ ކާމިޔާބު ކުޅުންތެރިއާ އެވެ. އޭނާ އެންމެ ފަހުން ރެއާލް ކޮޅަށް ޖެހި ދެ ލަނޑާ އެކު ބާސެލޯނާ އަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 500 އަށް އަރައިފަ އެވެ.

"މެސީ އަކީ ހުރިހާ ގޮތަކުން ބެލިޔަސް އެހެން ކުޅުންތެރިންނާ ތަފާތު ކުޅުންތެރިއެއް. ކްރިސްޓިއާނޯ (ރޮނާލްޑޯ) ވެސް މޮޅު. އެކަމަކު މެސީ ހުރިހާ ގޮތަކުން ވެސް ތަފާތު،" ރޮނާލްޑޯ އާއި މެސީގެ ވާދަވެރިކަމާ ގުޅޭގޮތުން ކަޕެއްލޯ ބުންޏެވެ.

ބާސެލޯނާ އަތުން ބަލިވުމުން ރެއާލަށް ލީގުގައި ކުރިއަށް ދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ކުރިއަށް އޮތް މެޗުތަކަށް ނުކުންނައިރު ފަރުވާކުޑަކޮށްލެވޭނެ ކުޑަވެސް ޖާގައެއް އެ ޓީމަށް ނެތް ކަމަށް ކަޕެއްލޯ ވަނީ ބުނެފަ އެވެ.

ކްލަސިކޯ މެޗުގައި މެސީ ދެއްކި ކުޅުމަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ. އެގޮތުން ހޮލީވުޑުގެ މަޝްހޫރު ފިލްމީ ބަތަލާ ޖޫލިއާ ރޮބަޓްސް ވެސް ވަނީ މެސީ އަށް މަރުހަބާ ކިޔުމަށް އޭނާއާ ބައްދަލުކޮށްފަ އެވެ.