މެޑްރިޑާއި ބާސެލޯނާ އަށް ވެސް ތަފާތު ބޮޑު މޮޅެއް

ބާސެލޯނާ (އޭޕްރިލް 27) – ސްޕެނިޝް ލީގަށް ވާދަކުރަމުން އަންނަ ދެ ޓީމު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުތައް ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފި އެވެ.


ލިއޮނަލް މެސީގެ ދެ ލަނޑާ އެކު އަމިއްލަ ދަނޑުގައި ރޭ ބާސެލޯނާ މޮޅުވީ އޮސަސޫނާ އަތުން 7-1 އިންނެވެ. މި މޮޅާ އެކު ބާސެލޯނާ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައިވަނިކޮށް ރެއާލް މެޑްރިޑް ވަނީ ޑިޕޯޓިވޯ ލަ ކޮރޫނާ އަތުން 6-2 އިން މޮޅުވެ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ.

ދެ ޓީމަށް ވެސް މިހާރު 78 ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް އިން ކުރި ހޯދައިގެން އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. ދެ ވަނައިގައި ރެއާލް މެޑްރިޑް އޮތް ނަމަވެސް އެ ޓީމަށް އިތުރު މެޗެއް އެބައޮތެވެ. ތިން ވަނައިގައި 68 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.

ރެއާލް މެޑްރިޑުގެ މޮރާޓާ (ކ) އަތުން ބޯޅަ ހޯދުމަށް ލަ ކޮރޫނާގެ ފެނާންޑޯ ނަވާރޯ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

އަމިއްލަ ދަނޑުގައި ރޭ ބާސެލޯނާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ މެސީ އާއި އަންދްރޭ ގޯމޭސްގެ ލަނޑުތަކުން ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު އޮސަސޫނާ އިން ތަފާތު ކުޑަކުރި އެވެ. އޭގެ ފަހުން ބާސެލޯނާ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. ލަނޑުތައް ޖަހައިދިނީ ގޯމޭސާއި މެސީ އާއި ޕަކޯ އަލްސެސާ އާއި ހަވިއާ މަޝެރާނޯ އެވެ. މީގެ ތެރެއިން އަލްސެސާ ދެ ލަނޑު ޖެހި އެވެ.

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކާ މޮޑްރިޗް އަދި ކަރިމް ބެންޒެމާ ނުކުޅެ އެވެ. އެ ޓީމުގެ ފުރަތަމަ ދެ ލަނޑު ޖަހައިދިނީ އަލްވާރޯ މޮރާޓާ އާއި ޖެސޭ ރޮޑްރިގޭޒެވެ. އޭގެ ފަހުން ލަ ކޮރޫނާ އިން ތަފާތު ކުޑަކުރި އެވެ. މެޑްރިޑުގެ އަނެއް ތިން ލަނޑު ޖެހީ ލޫކަސް ވަސްކުއޭޒާއި ޖެސޭ އަދި އިސްކޯ އެވެ. އޭގެ ފަހުން ލަ ކޮރޫނާގެ ޖޮސެލޫ ވަނީ އަނެއްކާ ލަނޑެއް ޖަހައިފަ އެވެ. މެޑްރިޑުގެ ފަހު ލަނޑު ޖަހައިދިނީ ކަސެމިރޯ އެވެ.