އަނިޔާގެ މައްސަލަ ބޮޑުވެ މޮރީނިއޯ އަށް ބޮލުގެ ރިހުމެއް

ޔުނައިޓެޑް (އޭޕްރިލް 29) - މެންޗެސްޓާ ޔުނައިޓެޑުގެ އަނިޔާގެ މައްސަލަ އިންތިހާއަށް ބޮޑުވެ ކޯޗު ހޯސޭ މޮރީނިއޯގެ ހާސްކަން ވެސް ބޮޑުވެއްޖެ އެވެ.


އަނިޔާގެ ސަބަބުން ޒަލަޓަން އިބްރަހިމޮވިޗާއި ހުއާން މަޓާ އަދި މާކޯސް ރޯހޯ އަށް ވަނީ ސީޒަން ނިމިފަ އެވެ. އަދި ޕައުލް ޕޮގްބާ، ކްރިސް ސްމޯލިން އަދި ފިލް ޖޯންސް ވެސް އަނިޔާގައި ތިއްބައި އެންމެ ފަހުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ފޮސޫ މެންސާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ލީގުގައި މާދަމާ ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ޔުނައިޓެޑަށް ވަނީ އުމުރުން 19 އަހަރުގެ އަލެކްސް ޓުއަންޒީބޭ ބޭނުންކުރަން ޖެހިފަ އެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން މޮރީނިއޯ އަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

"މި ވަގުތު ހުރީ އެރިކް ބެއިލީ، ޑެލީ ބްލިންޑް ދެން ޓުއަންޒީބޭ. އަހަރެން އެބަޖެހޭ އެ މީހުން ހާލަތު ބަލަން. އަދި އަހަރެން ވެސް މިދަނީ ޖިމްގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. އެއީ އަހަންނަކީ ވެސް އޮޕްޝަނެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކަމަށް ބަލައިގެން،" ޔުނައިޓެޑްގެ އަނިޔާގެ މައްސަލައާ ގުޅިގެން މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑުގެ މެދުތެރެއަށް ވެސް ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. ފުރުސަތު ނުލިބޭތީ ޔުނައިޓެޑްގެ ދެ މިޑްފީލްޑަރުން ކަމަށްވާ ބަސްޓިއަން ޝްވައިސްޓައިގާ އާއި މޯގަން ސްނައިޑަލިން އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި ކްލަބް ދޫކޮށް ގޮސްފައިވާއިރު، އެންމެ ފަހުން ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްްކި ރަތް ކާޑާ ގުޅިގެން މަރުއާން ފެލައިނީ ވެސް ހުރީ ސަސްޕެންޝަނެއްގަ އެވެ.

"އަހަރެމެންގެ މެދު ތެރެ އަށް ކުޅެން ތިބީ މައިކަލް (ކެރިކް) އާއި ހެރޭރާ ދެން ނެތް. އެކަމު ރަނގަޅު ކަމަކީ މި ދަނޑިވަޅުގައި ރޫނީ ފިޓްކޮށް ހުރުން،" މޮރީނިއޯ ބުންޏެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހު ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅެން ޖެހޭއިރު، އެއީ ވެސް ޔުނައިޓެޑަށް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.