ޔުނައިޓެޑް އެއްވަރު، މޮރީނިއޯގެ ތައުރީފް ރޮމޭރޯ އަށް

ސައުތެމްޓަން (މެއި 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ސައުތެމްޓަނާ ލަނޑެއް ނުޖެހި މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވިއިރު އެ ޓީމުގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ އަށް ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ތައުރީފް ކޮށްފި އެވެ.


ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 37 މެޗުން 66 ޕޮއިންޓާ އެކު އެވެ. ލީގުގައި ޔުނައިޓެޑަށް ބާކީ އެއް މެޗު އޮތްއިރު އެ މެޗުން މޮޅުވެގެން ވެސް ޔުނައިޓެޑަށް މަތީ މަގާމަކަށް އެރުމުގެ ފުރުސަތެއް ނެތެވެ.

ޔުރޮޕާ ލީގަށް ހާއްސަކަން ދިނުމުގެ ގޮތުން ފަހަކަށް އައިސް ޕްރިމިއާ ލީގުގެ މެޗުތަކުގައި ޔުނައިޓެޑުން އަންނަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. މި ގޮތުން ޔުނައިޓެޑުގެ ގޯލުން ފަހަކަށް އައިސް ފެންނަނީ ޑޭވިޑް ޑެހެއާގެ ބަދަލުގައި ރޮމޭރޯ އެވެ. ރޭގެ މެޗަކީ ރޮމޭރޯ ލީގުގައި ޔުނައިޓެޑަށް މި ސީޒަނުގައި ކުޅެދިން ދެ ވަނަ މެޗެވެ.

ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި ސައުތެމްޓަނަށް ލިބުނު ޕެނަލްޓީ މަނޯލޯ ގަބިއަޑީނީ ފޮނުވާލުމުން ރޮމޭރޯ ވަނީ މަތަކޮށްފަ އެވެ. މީގެ އިތުރުން ވެސް ރޮމޭރޯ ވަނީ ސައުތެމްޓަނުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ.

"ރޮމޭރޯ ވަރަށް މޮޅަށް މި މެޗުގައި ކުޅުނު. ހަމައެކަނި މޮޅޭ ބުނެގެން ރޮމޭރޯ މިއަދު ކުރި ހިތްވަރު ބުނެނުދެވޭނެ. ޓީމުގެ ކުޅުން މި މެޗުގައި ދަށް އެކަމަކު ބަލިނުވެ މެޗު ނިންމާލެވުނީ ވަކިވަކި ކުޅުންތެރިން ދެއްކި ހިތްވަރުން އޭގެ ތެރެއިން އެއް ކުޅުންތެރިއެއް ރޮމޭރޯ އަކީ،" ރޭގެ މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

މި ފަހަރު ޔުރޮޕާ ލީގުގައި ޔުނައިޓެޑް ކުޅުނު ގިނަ މެޗުތަކުގައި ރޮމޭރޯ ވަނީ ކުޅެފަ އެވެ. އަދި ޔުރޮޕާ ލީގުގައި ރޮމޭރޯ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އަންނަ ބުދަ ދުވަހު އަޔަކްސްއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުގައި އަޔެކްސްއާ ދެކޮޅަށް ކުޅޭނީ ރޮމޭރޯ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

ފައިނަލަށް ރޮމޭރޯ ތައްޔާރުކުރުމުގެ ގޮތުން ލީގުގައި އަންނަ އާދިއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ރޮމޭރޯ ކުޅުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭގެ މާނަ އަކީ ޑެެހެއާ ދެން ޔުނައިޓެޑުން ނުފެނުމެއް ނޫން ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

"ޑެހެއާ އަކީ ދުނިޔޭގެ އެންމެ މޮޅު ކީޕަރު. އަހަރެމެން ބޭނުން އޭނާ ބަހައްޓަން. އެކަމަކު ރޮމޭރޯ މި ވަގުތު ހުރި ފޯމުގައި އޭނާ އަށް ޓީމުން ޖާގަ ދިނުން ހައްގު. ޑެހެއާ ދެން ކުޅޭނީ ޕްރީ ސީޒަނުގައި،" މޮރީނިއޯ ބުންޏެވެ.