ސީޒަން ސަލާމަތްކުރަން ތަށްޓެއް މުހިއްމު: އެންރީކޭ

ބާސެލޯނާ (މެއި 27) - ހުސްއަތާ ސީޒަން ނިންމާނުލުމަށް މިރޭ ކުޅޭ ސްޕެނިޝް ކަޕުގެ ތަށި ބާސެލޯނާ އަށް މުހިއްމުވެފައިވާ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.


މިއީ ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި އެންރީކޭ ފެންނާނެ ފަހު މެޗެވެ. އޭނާ ވަނީ މިސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ. އެންރީކޭ ވަނީ ބާސެލޯނާގައި ހޭދަކުރި ތިން ސީޒަނުގައި އެ ޓީމަށް އަށް މުބާރާތް ކާމިޔާބު ކޮށްދީފަ އެވެ. މިރޭ ސްޕެނިޝް ކަޕް ކާމިޔާބުކޮށް ނުވަ ތަށި ހަމަކުރުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ.

ބާސެލޯނާ އަކީ އެންމެ ފަހުން ދެ އަހަރުގެ ވެސް މުބާރާތުގެ ޗެމްޕިއަނުންނެވެ. އެކަމު މިރޭ އަލަވޭސްއާ ދެކޮޅަށް ކުޅޭ ފައިނަލް އެ ޓީމަށް ހާއްސަ އެވެ. ބާސެލޯނާ އަށް މި ފަހަރު ސްޕެނިޝް ލީގު ގެއްލުނީ ބަލިވާން ނުޖެހޭ މެޗުތަކެއް ގެއްލިގެން ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އަމިއްލަ ދަނޑުގައި 2-1 އިން އަލަވޭސް އަތުން ބަލިިވި މެޗު ހިމެނެ އެވެ.

"އަހަރެންނަށް އެބައޮތް ބާސެލޯނާ އަށް ކޯޗުކޮށްދޭ ފަހު މެޗުގައި ތަށްޓަކާ އެކު ނިންމާލުމުގެ ފުރުސަތު. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ ފައިނަލުގައި އަހަރެމެންނާ ދެކޮޅަށް ނުކުންނަ ޓީމު އަތުން ލީގުގައިވި ބަލީގެ އަސަރު އަހަރެމެންނަށް ވަރަށް ބޮޑަށް ކުރިކަން،" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ މި ސީޒަނަށް ފަހު ބާސެލޯނާ ކޯޗުކަމުން ވަކިވިޔަސް މުސްތަގުބަލުގައި އެ ޓީމުން އަލުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މިއީ މި ވަގުތަށް އަހަރެންގެ ފަހު މެޗު. ކިހިނެއް އެނގެނީ މުސްތަގުބަލުގައިވާނެ ގޮތެއް. އަހަރެން މި ޓީމުން އަލުން ފެނުމުގެ ފުރުސަތު ވެސް އެބައޮތް. ހަަމަ ޖުލައި 10ގައި އައިސް އަހަރެން އަލުން މި ޓީމާ ހަވާލުވުން ވެސް އެކަށީގެންވޭ. އެކަމަކު އެއީ މިވަގުތަށް ވަރަށް ދުރުގައި އޮތް ކަމެއް،" އެންރީކޭ ބުންޏެވެ.

ބާސެލޯނާ މިރޭގެ މެޗުގައި ނުކުންނާނީ ސަސްޕެންޝަނުގެ ސަބަބުން ލުއިސް ސުއަރޭޒާއި ސާޖީ ރޮބާޓޯ ނުލަ އެވެ.

މިއީ 2001 ވަނަ އަހަރުގެ ޔޫއޭފާ ކަޕް ފައިނަލުގައި ލިވަޕޫލް އަތުން 5-4 ބަލިވި މެޗަށް ފަހު އަލަވޭސް ކުޅޭ ފުރަތަމަ ފައިނަލް މެޗެވެ.

ބާސެލޯނާ އާއި އަލަވޭސް ކުޅޭ ފައިނަލް ފަށާނީ މިރޭ ރާއްޖެ ގަޑިން 00:30 ގަ އެވެ.