އެންރީކޭގެ ފަހު މެޗުން ބާސެލޯނާ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

މެޑްރިޑް (މެއި 28) - ލުއިސް އެންރީކޭގެ ކޯޗުކަމުގައި ބާސެލޯނާ ކުޅުނު ފަހު މެޗުގައި ރޭ 3-1 އިން އަލަވޭސް ބަލިކޮށް ސްޕެނިޝް ކަޕް ކާމިޔާބު ކޮށްފި އެވެ.


މިއީ ތިން ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަމުން ވަކިވާ އެންރީކޭގެ އިރުޝާދުގެ ދަށުން އެ ޓީމުން ކާމިޔާބުކުރި ނުވަ ވަނަ ތަށްޓެވެ. އަދި ބާސެލޯނާގެ ތާރީހުގައި އެ ޓީމުން ސްޕެނިޝް ކަޕް ކާމިޔާބުކުރި 29 ވަނަ ފަހަރެވެ.

ސަސްޕެންޝަންގެ ސަބަބުން ރޭ ބާސެލޯނާ އިން ކުޅުނީ ލުއިސް ސުއަރޭޒާއި ސާޖީ ރޮބާޓޯ ނުލަ އެވެ. ބާސެލޯނާ އަށް މެޗުގެ 30 ވަނަ މިނިޓްގައި ލީޑުނަގައިިދީ ލިއޮނަލް މެސީގެ ހިތްގައިމު ލަނޑުންނެވެ. ބާސެލޯނާ އަށް ލީޑު ހިފަހައްޓައިލެވުނީ ތިން މިނިޓް ވަންދެނެވެ. ތިއޯ ހެނާންޑޭޒް ވަނީ އަލަވޭސް ވަނީ މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

އަލަވޭސް އިން އެއްވަރުކުރި ނަމަވެސް ފުރަތަމަ ހާފްގެ ފަހު ވަގުތުގައި ބާސެލޯނާ އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ ނޭމާ އެވެ. ތިން ވަނަ ލަނޑު ޖަހައިދިނީ ޕަކޯ އަލެސެއާ އެވެ.

ރޭގެ މެޗަށް ފަހު އެންރީކޭ ބުނީ ބާސެލޯނާގެ ކޯޗުކަމުގައި ހޭދަކުރި އުފާވެރި ދުވަސްތައް ތަށްޓަކާ އެކު ނިންމާލުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

ބާސެލޯނާގެ ކޯޗު އެންރީކޭ ރޭގެ މެޗަށް ފަހު އެ ޓީމު އޮފިޝަލާ ބައްދާލައިގެން.-- ފޮޓޯ: އޭއެފްޕީ

"އަހަރެން އަބަދުވެސް ބޭނުންވީ ސަޕޯޓަރުންނަށް އުފާވެރި ވަގުތެއްގައި ކްލަބް ދޫކޮށްދާން. މިއީ އެ ކަން ހާސިލްވީ ވަގުތު. މި ޓީމަކީ އަބަދުވެސް ކާމިޔާބު ހޯދޭނެ ޓީމެއް. އެ ފެންވަރުގެ ކުޅުންތެރިން މި ޓީމުގައި މުޅިން ތިބީ،" އެންރީކޭ ބުންޏެވެ.

ރޭގެ މެޗުގައި ބާސެލޯނާ މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ މެސީ އެވެ. ރޭގެ މެޗުގައި މެސީ ކާމިޔާބުކުރި ލަނޑަކީ މި ސީޒަނުގައި އޭނާ ޖެހި 54 ވަނަ ލަނޑެވެ. އެންރީކޭ ބުނީ ބާސެލޯނާ އަށް އޭނާ ކޯޗުކޮށްދިން އިރު ލިބުނު ހާއްސަ ހިތްހަމަ ޖެހުމެއް ވެސް އެބައޮތް ކަމަށެވެ.

"ބާސެލޯނާގެ ކޯޗަކަށް ހުރިއިރު އަހަންނަށް ލިބިއްޖެ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ (މެސީ)އާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު. ގިނަ ބަޔަކަށް ހީވެދާނެ މެސީގެ ވަގުތު ހަމަވެއްޖެހެން. އެކަމަކު އަދި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭނެ ފެންވަރު އެބަހުރި. މެސީ އަދިވެސް ތަފާތު ދައްކާނެ،" އެންރީކޭ ބުންޏެވެ.

އެންރީކޭ އަށް ފަހު ބާސެލޯނާ ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވިފައިވަނީ ކުރިން އެތުލެޓިކް ބިލްބާއޯގެ ކޯޗު އާނަސްޓޯ ވަލްވޭޑޭ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާ އިން ވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ވަލްވޭޑޭއާ ރަސްމީކޮށް މަގާމު ހަވާލުކޮށް އިއުލާން ކުރަން ނިންމައިފަ އެވެ.