ޖޮކޮވިޗް ކަޓައި މަރޭ އާއި ނަޑާލް ސެމީ އަށް

ޕެރިސް (ޖޫން 8) - މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނޮވަކް ޖޮކޮވިޗް މުބާރާތުން ކެޓިއިރު، ދުނިޔޭގެ އެއް ވަނަ އެންޑީ މަރޭ އާއި މަޝްހޫރު ކުޅުންތެރިއާ ރަފައެލް ނަޑާލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.


ހަ ވަނަ އަށް ސީޑުކޮށްފައިވާ އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އަތުން ޖޮކޮވިޗް ކެޓީ މުބާރާތުގެ ކުއާޓާ ފައިނަލުންނެވެ. މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ފްރެންޗް އޯޕަން ސެމީ ފައިނަލުން ޖޮކޮވިޗަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ. ޖޮކޮވިޗް އަތުން ތިއެމް މޮޅުވިއިރު ސެޓުތައް ދިޔައީ 7-6، 6-3، 6-0 އިންނެވެ.

ތިއެމް ސެމީ ފައިނަލުގައި ނުކުންނާނީ ނަޑާލްއާ ދެކޮޅަށެވެ. ނަޑާލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާގައި ސްޕެއިނުގެ ޕަބްލޯ ކަރޭނޯގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗުގެ ވަކި ހިސާބަކުން ނަޑާލް 6-2 2-0 އިން ކުރީގައި އޮއްވައި ލިބުނު އަނިޔާއަކާ ގުޅިގެން ކަރޭނޯ ވަނީ މެޗު ދޫކޮށްލައިފަ އެވެ.

ސެމީ ފައިނަލުން ޖާގަ ހޯދުމާ އެކު ނަޑާލް ވެފައިވަނީ އެއް ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީ ފައިނަލުން އޯޕަން އިރާގައި ފުރުސަތު ހޯދި ފަސް ވަނަ ކުޅުންތެރިއާ އަށެވެ. ނަޑާލް ބުނީ މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށް ކެރިއަރުގައި 10 ވަނަ ގްރޭންޑް ސްލޭމް ހަމަކުރަން ބޭނުންވާ ކަމަށެވެ.

މި ފަހަރުގެ މުބާރާތުގައި ރަނގަޅު ފޯމެއްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މަރޭ ކުއާޓާގައި ކުރިހޯދީ ޖަޕާންގެ ކެއި ނިޝިކޯރީއާ ވާދަކޮށެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ސެޓުތައް ދިޔައީ 2-6 6-1 7-6 (7-0) 6-1 އިންނެވެ.

ސެމީގައި މަރޭ ނުކުންނާނީ ސްވިޒަލެންޑްގެ ސްޓެން ވަވްރިންކާއާ ދެކޮޅަށެވެ. ވަވްރިންކާ ސެމީން ޖާގަ ހޯދީ ކުއާޓާގައި 6-3 6-3 6-1 އިން ކްރޮއޭޝިއާގެ މަރިން ސިލިޗް ބަލިކުރުމަށް ފަހު އެވެ.

މަރޭ ބުނީ ފައިނަލުގެ ކުރިން ވަވްރިންކާއާ ކުޅެން ޖެހުމަކީ ކުރިމަތިވި ޗެލެންޖެއް ކަމަށެވެ.

"މި މުބާރާތުގައި ވަކިވަކި ކުޅުންތެރިންގެ ފޯމާ ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ވަވްރިންކާ އުޅޭނީ ވަރަށް ކުރީގައި. ފައިނަލުގެ ކުރިން ވަވްރިންކާއާ ކުޅެން ޖެހުމަކީ ޗެލެންޖެއް. އެކަމަކު މުބާރާތެއް ކާމިޔާބު ކުރެވޭނީ އެންމެ މޮޅު ކުޅުންތެރިން ބަލިކޮށްގެން،" މިދިޔަ އަހަރު ފައިނަލުގައި ޖޮކޮވިޗް އަތުން ބަލިވި މަރޭ ބުންޏެވެ.