އޮސްޓްރޭލިއާ އަތުން ޖަރުމަނަށް އުނދަގޫ މޮޅެއް

މޮސްކޯ، ރަޝިޔާ (ޖޫން 20) – ފީފާ ކޮންފެޑެރޭޝަންސް ކަޕުގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ކުޅުނު ފުރަތަމަ މެޗުން ރޭ އޮސްޓްރޭލިއާ އަތުން 3-2 އިން އުނދަގުލުން މޮޅުވެއްޖެ އެވެ.


މި ގްރޫޕުގެ އަނެއް މެޗުގައި ކެމަރޫން އަތުން ޗިލީ ވަނީ 2-0 އިން މޮޅުވެފަ އެވެ. ޗިލީ އާއި ޖަރުމަނަށް ތިން ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ކުރީގައި އޮތީ ޗިލީ އެވެ.

ރޭ ޖަރުމަން ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ލާސް ސްޓިންޑީލް ވަނީ ލީޑު ނަގައިދީފަ އެވެ. އޮސްޓްރޭލިއާ އަށް 41 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ރޮޖިކެވެ. ޖަރުމަނަށް އަލުން ލީޑު ނަގައިދިނީ 44 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ހޫލިއަން ޑްރެޒްލާ އެވެ.

ދެ ވަނަ ހާފު ފަށައިގެން 48 ވަނަ މިނެޓުގައި ޖަރުމަނުގެ ތިން ވަނަ ލަނޑު ޖަހައިދިނީ ލެއޮން ގޮރެޓްޒްކާ އެވެ. އޮސްޓްރޭލިއާގެ ޖުރިޗް ވަނީ 56 ވަނަ މިނެޓުގައި އެ ޓީމަށް ތަފާތު ކުޑަކޮށްދީފަ އެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ފުރަތަމަ މެޗުން ނިއު ޒީލެންޑް އަތުން 2-0 އިން ރަޝިއާ މޮޅުވިއިރު ޕޯޗުގަލާއި މެކްސިކޯ 2-2 އިން އެއްވަރުވީ އެވެ. ތިން ޕޮއިންޓާ އެކު ރަޝިޔާ އެއް ވަނައިގައި އޮތްއިރު އެއް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ މެކްސިކޯ އެވެ. ޕޯޗުގަލް ތިން ވަނައިގައި އޮތްއިރު ނިއު ޒީލެންޑަށް ޕޮއިންޓެއް ނުލިބެ އެވެ.

އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕުގެ ރިހާސަލެއްގެ ގޮތުގައި، ދުނިޔޭގެ އެކި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕެއްގެ އެންމެ ގަދަ ދެ ޓީމެވެ. ފައިނަލް މެޗު އޮންނާނީ ޖުލައި 2 ވަނަ ދުވަހު ސެއިންޓް ޕީޓާސްބާގުގަ އެވެ.