އާސެނަލްގައި މަޑުނުކުރާނެ ކަމުގެ އިޝާރާތެއް ސަންޗޭޒް ދީފި

ލަންޑަން (ޖުލައި 16) – ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާ ކަމަށް ބުނެ އާސެނަލް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް ދީފި އެވެ.


ޗެމްޕިއަންސް ލީގުގައި 20 އަހަރު ވާދަކުރުމަށް ފަހު އާސެނަލަށް ވަނީ މި ފަހަރު އެ މުބާރާތުން ފުރުސަތު ގެއްލިފަ އެވެ. ޕްރިމިއާ ލީގުގެ ފަސް ވަނަ އަށް ދިއުމުން އެ ޓީމު މި ފަހަރު ވާދަކުރަން ޖެހޭނީ ޔުރޮޕާ ލީގުގަ އެވެ.

މިދިޔަ ސީޒަނުގައި އިނގިރޭސި ލީގުގައި 24 ލަނޑު ޖެހި ފޯވާޑް ގެންދަން ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު އާސެނަލުން ބަލަނީ ކޮންޓްރެކްޓް އާކުރެވޭތޯ އެވެ. އޭނާ ކޮންޓްރެކްޓް އާކުރަން އެއްބަސްނުވެއްޖެ ނަމަ މި ފަހަރުގެ ޓްރާންސްފާގައި އާސެނަލުން އޭނާ ވިއްކާލާނެ އެވެ. އެކަމަކު 50 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު ބިޑެއް ލިބިއްޖެ ނަމަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސަންޗޭޒް މިހާރު ވެސް ވަނީ މެންޗެސްޓާ ސިޓީއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

"އަހަރެން ބޭނުންވޭ ޗެމްޕިއަންސް ލީގުގައި ކުޅެން،" ސަންޗޭޒް ބުންޏެވެ. "ކުރިމަގާ މެދު ނިންމާ ގޮތެއް ބިނާވަނީ ހަމައެކަނި އަހަންނަކަށް ނޫން. އަހަރެން ޖެހޭ އާސެނަލަށް މަޑުކުރަން."

ކޮންޓްރެކްޓް އާކުރުމަށް އާސެނަލާ އެކު ސަންޗޭޒް އެއްބަސްވެފައިވާ ކަމަށް ވެސް ވާހަކަދެކެވެ އެވެ. އެކަމަކު އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެކަމަކު ވެންގާ ވަނީ ޕޮޒިޓިވް ކަމަށް ބުނެފަ އެވެ.

ކޮންފެޑެރޭޝަންސް ކަޕަށް ފަހު ސަންޗޭޒް މިވަގުތު ޗުއްޓީގައި ހުރިއިރު ބެލެވޭ ގޮތުގައި ޗުއްޓީ އަށް ފަހު އޭނާ ގޮތެއް ނިންމާނެ އެވެ.