ޔުނައިޓެޑްގައި 15 އަހަރު މަޑުކުރަން ބޭނުން: މޮރީނިއޯ

މެންޗެސްޓާ (ޖުލައި 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި 15 އަހަރު ދެމިހުންނަން ބޭނުންވާ ކަމަށް އެ މަގާމުގައި މިހާރު ހުރި ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ޔުނައިޓެޑަށް 26 އަހަރު ކޯޗުކޮށްދިނުމަށް ފަހު އެލެކްސް ފާގަސަން އެ ޓީމުން ދުރުވުމުން ދެން އެ ޓީމާ ހަވާލުވީ ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލް އެވެ. މޮއިސް ހަތް މަހުގެ ތެރޭގައި މަގާމުން ވަކިކުރިއިރު، ވެން ހާލަށް ހުރެވުނީ ދެ ސީޒަނުގަ އެވެ.

މޮރީނިއޯ ވަނީ މިދިޔަ އަހަރު ޔުނައިޓެޑާ ހަވާލުވެ ފުރަތަމަ ސީޒަނުގައި އިނގިރޭސި ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑުން ޕްރީ ސީޒަނަށް ތައްޔާރުވަމުން ދާއިރު، އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ދިގު މުއްދަތަކަށް އެ ޓީމުގައި މަޑުކުރަން ބޭނުންވާ ކަމަށެވެ.

"އަހަރެން މި ހުރީ ތައްޔާރަށް. ކުރިއަށް އޮތް 15 އަހަރު މި ކްލަބްގައި މަޑުކުރަން ވެސް ތައްޔާރަށް. ކީއްވެ އަހަންނަށް މަޑުނުކުރެވެންވީ،" މޮރީނިއޯ ބުންޏެވެ.

މީގެ ކުރިން މޮރީނިއޯގެ ކޯޗިން ކެރިއަރުގައި ތިން ސީޒަނަށް ވުރެން ގިނައިން އެއްވެސް ޓީމެއްގައި އޭނާ މަޑުކޮށްފައެއް ނުވެ އެވެ. އޭގެ ތެރޭގައި ޗެލްސީ، ރެއާލް މެޑްރިޑް އަދި އިންޓަ މިލާން ހިމެނެ އެވެ.

މޮރީނިއޯ ބުނީ ކޯޗިންގެ ވަޒީފާ އަކީ ޕްރެޝަރު ބޮޑު ކަމެއް ކަމަށާއި އެ ޓީމެއްގައި ހުރުމަކީ ވަރަށް ކެރިގެން ކުރިމަތިލާން ޖެހޭ ކަމެއް ކަމެވެ.

"ކޯޗުން ގެންނަނީ މޮޅުވާން. އެއްޗެއް ތައްޔާރު ކުރެވެނީ ވަގުތުން. ކޮންމެ ބައެއްގެ ވިސްނުން ވެސް ހުންނަނީ ހަމައެކަނި މޮޅަށް. ބަލިވާ ބައެއް ކުރާ މަސައްކަތް ބަލައިގަންނަނީ މަދު ފަހަރަކު. މި ހުރިހާ ޕްރެޝަރެއް އޮންނަނީ އެކަކަށް އެއީ ކޯޗަށް. އެހެން ވުމުން މަގާމުގައި ދެމިހުރެވޭނީ ވަރަށް ކެތްތެރިވެގެން،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯގެ ވިސްނުން ހުރީ ފާގަސަންގެ ކިބައިން މިސާލު ނެގުމަށެވެ. އަދި ޓީމެއް އެކުލަވާލައި ދުރު ވިސްނުމަށް މަސައްކަތް ފެށުމެވެ.

"މިސާލަކަށް ބަލާއިރު ފާގަސަން މަސައްކަތް ކުރީ ޓީމެއް އެކުލަވާލައިގެން ކުރިއަށްދާން އެ ގޮތަށް އޭނާ އަށް ކާމިޔާބު ހޯދުނު. އެ ފިޔަވަޅު މަތީގައި އަހަރެން ވެސް ކުރިއަށް ގޮސް ކާމިޔާބު ނުހޯދެންވީ ސަބަބެއް ނެތް،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގެ ތާރީހުގައި ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށެވެ.