ފައިސާގެ ދަހިވެތިކަމެެއް ނެތް: ނޭމާ

ޕެރިސް (އޮގަސްޓް 5) - ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ ފައިސާގެ ބޭނުމުގައި ނޫން ކަމަށާއި ކެރިއަރުގައި އާ ފެށުމަކާ އެކު ޕީއެސްޖީ އަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށް އެ ޓީމާ ދާދި ފަހުން ދުނިޔޭގެ ރެކޯޑް އަގަކަށް ގުޅުނު ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.


ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ހިންގާ ޕީއެސްޖީން ނޭމާ ގަތީ އޭނާ ބާސެލޯނާއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް 222 މިލިއަން ޔޫރޯ ދީގެން އުވާލުމަށް ފަހު އެވެ.

ނޭމާ ކްލަބް ބަދަލުކުރީ ބާސެލޯނާ އަށް ވުރެ ބޮޑު މުސާރައެއް ޕީއެސްޖީން ދިނުމުގެ އިތުރުން ބާސެލޯނާގައި ހުރެ ލިއޮނަލް މެސީގެ ހިޔަނީގައި ހުރެ އިތުރަށް ކުޅެން ބޭނުންނުވާތީ ކަމަށް ގިނަ މީޑިއާތަކުން ބުނެ އެވެ. އެހެން ނަމަވެސް އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަހަރެން ބޭނުންވީ ކެރިއަރުގައި އާ ފެށުމެއް. ޕީއެސްޖީއާ އެކު އެކަން ހާސިލްކުރެވޭނެ. މި ޓީމަށް ނުލިބިހުރި ކާމިޔާބީތައް ހޯދައިދޭން އަހަރެން ބޭނުން. ބާސެލޯނާ ދޫކޮށްލީ ފައިސާ އަކަށް ނޫން. އަދި އެ ޓީމު މި ވަގުތު އޮތް ހާލަތުގެ ސަބަބުންނެއް ވެސް ނޫން،" ޕީއެސްޖީ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްވުމަށް ފަހު ނޭމާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި ނޭމާ އަށް އަހަރަކު މުސާރައިގެ ގޮތުގައި ޕީއެސްޖީން މަދުވެގެން 28 މިލިއަން ޕައުންޑް ދޭނެ އެވެ. ހަފްތާ އަކަށް ބަލާއިރު ނޭމާ އަށް މުސާރައިގެ ގޮތުގައި 547،000 ލިބެ އެވެ. މިއީ ބާސެލޯނާ އިން އެންމެ ފަހުން މެސީއާ އެކު ހެދި އެއްބަސްވުމުގައި އޭނާ އަށްދޭ މުސާރަ އަށް ވުރެ އިތުރު އަދަދެކެވެ.

ނޭމާ ބުނީ މެސީއާ އޭނާއާ ދެމެދު އޮތް ގުޅުމަކަށް އެއްވެސް އިރެއްގައި ބަދަލެއް ނާންނަ ކަމަށެވެ.

"މެސީ އަކީ އަހަންނާއި އެއް ޓީމަކަށް ކުޅުމުގެ އިތުރުން ރައްޓެއްސެއް. މިިދިޔަ އަަހަރުތަކުގައި ބާސެލޯނާގައި އަހަރެމެން ހޯދި ކާމިޔާބީތަކުން އެކަން ފެނިގެންދާނެ،" މެސީއާ ބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ނޭމާ ބުންޏެވެ.

ނޭމާ ވިއްކާލަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބާސެލޯނާ އިން އައީ ދެކޮޅު ހަދަމުންނެވެ. އެކަމަކު ކޮންޓްރެކްޓުގައިވާ ގޮތުން އެ އަދަދު ކްލަބަކުން ހުށަހަޅައިފި ނަމަ އަދި ކުޅުންތެރިއާ ވެސް ރުހޭ ނަމަ ކުރެވޭނެ ކަމެއް ނޯންނާނެ އެވެ.

ނޭމާ ވަނީ މިދިޔަ ސީޒަނުގެ ތެރެއިން 2021 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެ އެއްބަސްވުމުގައި ބުނާގޮތުން ފުރަތަމަ އަހަރު ފުރިހަމަ ކުރުމާ އެކު ނޭމާ އަށް 25 މިލިއަން ޔޫރޯގެ ބޯނަހެއް ދޭން ބާސެލޯނާ އިން ވަނީ ނިންމައިފަ އެވެ. އެކަމަކު ބާސެލޯނާގެ ބޯޑުން ނިންމީ ނޭމާ އޭނާގެ އެއްބަސްވުމުގައިވާ ބައެއް މާއްދާތަކާ ހިލާފުވެފައިވާތީ ބޯނަސް ހިފެހެއްޓުމަށެވެ. އެއްބަސްވުމުގައި ބުނާގޮތުން ފުރަތަމަ އަހަރުތެރޭ ބާސެލޯނާގެ ހުއްދަނެތި އެހެން ކްލަބަކާ މަޝްވަރާ ކޮށްފިނަމަ ބޯނަސް ނުދިނުމުގެ އިހުތިޔާރު ކްލަަބަށް ލިބިދެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ނޭމާގެ ބައްޕަ މިހާރު ވަނީ ބޯނަސް މައްސަލައިގައި ބާސެލޯނާ ގޮވައިގެން ކޯޓަށްދާން ނިންމައިފަ އެވެ.

ޕީއެސްޖީގެ ވެރިޔާ ނާސިރު އަލް-ހެލާފީ ވިދާޅުވީ ނޭމާ އެ ޓީމާ ގުޅުނީ ގިނަ ކްލަބްތަކަށް ނޫނެކޭ ބުނެފައި ކަމަށެވެ. އަދި އެ ކްލަބްތަކުން ނޭމާ އަށް މާ ބޮޑެތި އަގުދޭން ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.