ތިން އަހަރު، ތިން ފައިނަލް، އާޖެންޓީނާ އާއި މެސީ އަށް ނާކާމިޔާބު!

އީސްޓް ރުތުފޯޑް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - ކޮޕަ އެމެރިކާގެ ފައިނަލުގައި ޖެހިޖެހިގެން ދެ ވަނަ އަހަރު ޗިލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، އާޖެންޓީނާ ގައުމީ ޓީމާ އެކު ބޮޑު މުބާރާތެއް ކާމިޔާބުކުރަން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ތިން އަހަރުގެ ތެރޭ ލިބުނު ތިން ވަނަ ފުރުސަތު ގެއްލިއްޖެ އެވެ.


ބާސެލޯނާއާ އެކު ކްލަބް ލެވެލްގެ ހުރިހާ ކާމިޔާބެއް ހޯދާފައިވާ މެސީގެ ކެޕްޓަންކަމުގެ ދަށުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން ޖަރުމަން އަތުން އާޖެންޓީނާ ބަލިވިއިރު މިދިޔަ އަހަރުގެ ކޮޕަ އެމެރިކާގެ ފައިނަލުން ޗިލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ. މި ފަހަރުގެ ފައިނަލުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ނިމުނުއިރު ވެސް ދެ ޓީމު 0-0 އިން އެއްވަރުވެފައި އޮތް އިރު ޕެނަލްޓީ ޖަހައިގެން ޗިލީ މޮޅުވީ 4-2 އިންނެވެ.

ފުރަތަމަ ޕެނަލްޓީ ޗިލީގެ އަރުޓޯ ވިޑާލް ޖެހުމުން އާޖެންޓީނާގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ މަތަކޮށްފައި އޮތުމުން، އާޖެންޓީނާ އަށް ލީޑު ނަގަން ފުރުސަތު ލިބުނެވެ. އެކަމަކު މެސީ ޖެހި ޕެނަލްޓީ ދިޔައީ ގޯލް މަތިންނެވެ. އޭގެ ފަހުން އާޖެންޓީނާގެ ހަވިއާ މަޝެރާނޯ އާއި ސާޖިއޯ އަގުއޭރޯ އަދި ޗިލީގެ ކަސްޓިލޯ، އަރަންގުއިޒް އަދި ބޮސިޔުއާ ޕެނަލްޓީ ކާމިޔާބުކުރި އެވެ. މައްސަލަ ދިމާވީ އާޖެންޓީނާގެ ހަތަރު ވަނަ ޕެނަލްޓީ އެ ޓީމުގެ ލޫކަސް ބިޖްލިއާ ޖެހުމުން ޗިލީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރޭވޯ މަތުކުރުމުންނެވެ. އެއާ އެކު ޗިލީގެ ފަސް ވަނަ ޕެނަލްޓީ ފްރަންސިސްކޯ ސިލްވާ ކާމިޔާބުކޮށް އާޖެންޓީނާގެ އުއްމީދުތަކަށް ހުރަސް އެޅި އެވެ.

މެޗަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން ހާއްސަކޮށް މެސީ ވަރަށް ބޮޑަށް ރުޔެވެ. ގައުމީ ޓީމާ އެކު ކާމިޔާބެއް ނުހޯދޭތީ އަމިއްލަ ގައުމުގައި ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މެސީގެ ޕެނަލްޓީ ނާކާމިޔާބުވި ހިސާބުން ފެށިގެން އޭނާ ޕެނަލްޓީ ޝޫޓްއައުޓް ނިމެންދެއް ހުރީ ބޮލުގައި އަތްއަޅައިގެން ހާސްކަން މަތީގަ އެވެ.

ފައިނަލް މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން މެސީ (ކ) މާޔޫސްވެފައި. --ފޮޓޯ: އޭއެފްޕީ

ގެބްރިއަލް ބަޓިސްޓޫޓާގެ މޮޅު ކުޅުމާ އެކު 1993 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރި ފަހުން އާޖެންޓީނާ އަށް އެ މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. އަދި ޑިއޭގޯ މަރަޑޯނާގެ ކެޕްޓަންކަމުގެ ދަށުން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބުކުރި ފަހުން އެ ޓީމަށް ދުނިޔޭގެ ތަށީގައި ވެސް އަތްލެވިފައެއް ނުވެ އެވެ. އެކަމަށް ނިމުމެއް ގެނައުމުގެ ޒިންމާ މެސީގެ ކޮނޑުގައި އެޅިފައި އޮތްއިރު ތިން އަހަރު ވެސް އޭނާ އަށް މިވަނީ ނާކާމިޔާބުވެފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް އެއް ކުޅުންތެރިޔަކު ވަނީ މަދުވެފަ އެވެ. ޗިލީގެ މާސެލޯ ޑިއާޒަށް އަދި އާޖެންޓީނާގެ މާކޯސް ރޯހޯ އަށް، ބްރެޒިލް ރެފްރީ ހެބާ ލޯޕެސް ވަނީ ރަތްކާޑު ދައްކައިފަ އެވެ. މެޓްލައިފް ސްޓޭޑިއަމުގައި 82،000 މީހުންގެ ކުރިމަތީގައި ކުޅުނު މެޗު ކޮންޓްރޯލް ކުރުމުގައި ރެފްރީ އަށް ވަނީ ނާކާމިޔާބުވެފަ އެވެ. މުޅި މެޗުގައި ވެސް ފެނިގެން ދިޔައީ ފައުލް ގިނަ އަދި ފިޒިކަލް ކުޅުމެކެވެ.

ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ވޯލްޑް ކަޕް ފައިނަލުގައި އަދި މިދިޔަ އަހަރުުގެ ކޮޕާ އެމެރިކާ ފައިނަލުގައި ވެސް ހުސް ފުރުސަތެއް ބޭކާރުކޮށްލި ގޮންޒާލޯ ހިގައިން އަށް މި ފަހަރު ވެސް ގޯލް ޖެހޭ ގޮތެއް ނުވި އެވެ. ޗިލީގެ ގެރީ މެޑަލް އަތުން ދޫވި ބޯޅަ ހިގައިން އަށް ބޭނުން ގޮތަކަށް ޖަހަން ވަގުތާއި ޖާގަ ލިބުނު ނަމަވެސް ކީޕަރު ބޯމަތިން ޖަހަން އުޅުމުގެ ތެރޭ ފުރުސަތު ގެއްލުނީ އެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ (ކ) އަތުން ބޯޅަ ހޯދަން ޗިލީގެ ގޮންޒާލޯ ޖަރާ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި ހަމަލާތަކަށް ވުރެ ބޮޑަށް ފެނިގެން ދިޔައީ ކާޑުތަކެވެ. ދެ ވަނަ ހާފުގައި، 80 ވަނަ މިނެޓުގައި ޗިލީގެ އެޑުއާޑޯ ވާގަސް ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. ތިރިތިރިން އޭނާ ފޮނުވާލި ބޯޅަ އާޖެންޓީނާ ކީޕަރު މަތަކުރި އެވެ. އޭގެ ހަތަރު މިނެޓު ފަހުން އާޖެންޓީނާގެ އަގުއޭރޯ އަށް ވެސް ފުރުސަތެއް ލިބި ބޭކާރުވި އެވެ.

އިތުރު ވަގުތުގެ ތެރޭ ދެ ޓީމަށް ރަނގަޅު އެއް ފުރުސަތު ލިބުނެވެ. އެގޮތުން އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ޗިލީގެ ވާގަސް ބޮލުން ޖެހުމުން އާޖެންޓީނާ ކީޕަރު ދިފާއުކުރި އެވެ. އޭގެ ފަހުން އާޖެންޓީނާގެ އަގުއޭރޯ ބޮލުން ފޮނުވާލި ބާރު ބޯޅައެއް ގޯލުގެ މަތީ ކަނަށް ވަންނަނިކޮށް ދިފާއުކުރީ ޗިލީ ކީޕަރު ބްރާވޯ އެވެ.